ޚަބަރު

155 މިސްކިތެއް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙް ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވަހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 155 މިސްކިތް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުން އެ ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓު ބިލުން %50 ކުޑަކުރެވޭނެކަމަށެވެ. އަދި އެ ހުރިހާ މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރާއިރު އެސީ ކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްޞީލެއް ރައީސް ނުދެއްވައެވެ.

ހަކަތައަށް ކުރާ ހޭދަކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ވަޞީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިއާދަކުރަނިވި ހަކައިގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ ހިންގަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިސްކިތްތައް އޭސީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. މިސްކިތްތައް އޭސީކުރުމަށް ބޭނުންވާ ސާރވޭ މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާފައިވެއެވެ.