ކުޅިވަރު

މަހިބަދޫ ދަނޑަށް ޕެލޭ ސްޓޭޑިއަމުގެ ނަންދީ، މާދަމާ ހުޅުވަނީ


އދ. މަހިބަދޫ ޓާފް ފުޓްބޯޅަ ދަނޑަށް "ޕެލޭ ސްޓޭޑިއަމް" ގެ ނަމުން ނަންދީ، މާދަމާ ހުޅުވަން ނިންމައިފިއެވެ.

މަހިބަދޫގައި އެޅި ޓާފް ދަނޑަށް ޕެލޭ ސްޓޭޑިއަމުން ނަން ދޭން ނިންމާފައިވާކަން މީގެ ކުރިންވެސް ވަނީ އިއުލާންކޮށްފައެވެ. އެގޮތަށް އިއުލާންކުރީ ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭ މަރުވުމާއި ގުޅިގެން ފީފާއިން ކޮންމެ ގައުމަކުން އެއް ދަނޑަށް ޕެލޭގެ ނަމުން ނަން ދިނުމަށް އެދޭކަމަށް ބުނެފައިވަނިކޮށެވެ.

މަހިބަދޫ ދަނޑު ހުޅުވުމުގެ ގޮތުން މާދަމާ ގައުމީ ފުޓުބޯޅަ ޓީމާއި މަހިބަދޫ ފުޓުބޯޅަ ޓީމުގެ މެޗެއް ކުޅުމަށް ވަނީ ނިންމާފައެވެ.

މަހިބަދޫގެ ދަނޑުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ގްރީންފީލްޑް ކުންފުނިންނެވެ. މަހިބަދޫގެ ގޮނޑުދޮށުގައި ހެދި މި ދަނޑުގެ ނަލަކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އެގޮތުން މި ދަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަނީ އާންމުވެފައެވެ.

މަހިބަދޫގެ ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ މީގެ ކުރިން ގައުމީ ޓީމުގައި ހިމެނިފައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުޙައްމަދާއި، ފޯވާޑް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގް (ޓޮމް)ގެ އިތުރުން އަސަދުﷲ އަބްދުﷲ އަކީ މަހިބަދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މަހިބަދޫ ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ ފުޓުބޯޅަ މެޗު ފަށާނީ މާދަމާ 15:15 ގައެވެ. މި މެޗު ޔެސް ޓީވީން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.