ޚަބަރު

އާރްޑީސީއަށް ތާރީޚީ ރެއެއް، އަމީނީމަގުގެ އިތުރު 4 ސެގްމަންޓެއްގައި ތާރުއަޅަން ފަށައިފި


އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، އިތުރު 4 ސެގްމަންޓެއްގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއިން ފަށައިފިއެވެ.

ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ އަމީނީމަގު ބިލަބޮންގ ހިމެނޭ ސަރަޙައްދުން ފެށިގެންގޮސް ސްޓެލްކޯ ހިމެނޭ ސަރަހައްދާއި ހަމައަށް އޮތް 4 ސެގްމަންޓުގައެވެ.

އަމީނީ މަގުގެ ކުރިން ނިމުނު 3 ސެގްމަންޓުގެ މަސައްކަތް އާރް.ޑީ.ސީއިން ކުރިނަމަވެސް އެ 3 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އޭރުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކު ބިލަބޮންގް ސްކޫލާއި ހަމައަށް މަސައްކަތް ނިމިފައިވާ 4 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ފެށުން ފާހަގަކުރެއްވީ، މިއީ އެކުންފުނީގެ 3 އަހަރުގެ ޙަޔާތުގައި ލިބުނު ކާމިޔާބީތަކަށް އިތުރުވި ބޮޅެއްގެ ގޮތުގައެވެ. އަދި އަމިއްލަ މެޝިނަރީއާއި ސާމާނާއި މުވައްޒަފުންނާއެކު މަގުހެދުމުގެ މަޝްރޫޢުތަކުގައި ކުރަންޖެހޭ ހުރިހާކަމެއް އަމިއްލައަށް ކުރެވޭނެ ޤާބިލުކަން މިހާރު އާރް.ޑީ.ސީގައި އެބަހުރިކަމަށެވެ.

މޫސާ ޢަލި މަނިކު ވިދާޅުވީ، މި 4 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ނިޔަލަށް ނިންމާ، ހަފްތާއެއްގެ ތެރޭގައި އެ ސަރަހައްދު އާއްމުންނަށް ބޭނުންކުރަން ހުޅުވާލެވޭނެކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެއް ހަފްތާގެ ތެރޭގައި ހުޅުވާލަން. 7 ދުވަސް ދޭންޖެހޭނެ މަގު ހިކި ހަމަޖެހިލުމަށް. އެވަރުވެސް އަސްލުގައި މަދު. އެހެންނަމަވެސް މާލޭގެ ޓްރެފިކާއި ދެން އޮތް ސެގްމަންޓުގެ މަސއްކަތް ފަށައިގަތުމަށް އެންމެ މިނިމަމް 7 ދުވަސް ބޭނުންވާނެ. އެހެންވީމަ 7 ދުވަސްފަހުން ހުޅުވާލެވޭނެ" މޫސާ ޢަލި މަނިކު ވިދާޅުވިއެވެ.

އަމީނީމަގުގެ މަސައްކަތް ފުރަތަމަ ފަށައިގަތްއިރު ގޮންޖެހުންތަކެއް ދިމާވެ، މަސައްކަތުގެ ސްޕީޑް ކޮންމެވެސް ވަރަކަށް ލަސްވިނަމަވެސް، މިހާރު މަޝްރޫޢުގެ މަސައްކަތް ހަލުވިކުރެވިފައިވާކަމަށް މޫސާ ޢަލި މަނިކު ވިދާޅުވިއެވެ. އަދި މިހާރު މަޝްރޫޢުގެ މަސައްކަތް ދާ ސްޕީޑަށް ބަލާ، އިތުރު މައްސަލައެއް ދިމާނުވާކަމަށްވާނަމަ އުއްމީދަކީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 4،5 މަހުން އެ ދިޔައީ 3 ސެގްމަންޓް. ދޮޅުމަހުން އަޅުގަނޑުމެން 4 ސެގްމަންޓް މި ނިންމާލެވެނީ އިރާދަކުރެއްވިއްޔާ. އެހެންވީމަ ތަޖުރިބާގެ އަލީގެ އަޅުގަނޑުމެންގެ މުވައްޒަފުން ވަރަށް ބޮޑަށް ދަސްކޮށްފި އަމީނީމަގު. އެހެންވީމަ މަސައްކަތުގެ ސްޕީޑަށް އަޅުގަނޑުމެންނަށް ލިބުނު ތަޖުރިބާގެ އަލީގައި ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ހުރިކަން ތިބޭފުޅުންނަށްވެސް ފެންނާނެ. ވަރަށް ބޮޑު އޭރިއާއެއް މި ނިންމާލީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި" މޫސާ ޢަލި މަނިކު ވިދާޅުވިއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެތެރެއިން ފުރަތަމަ 3 ސެގްމަންޓްގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތްތައް ނިންމައި، މިހާރު ދަނީ އެ ސަރަޙައްދު ބޭނުންކުރަމުންނެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތުން ތާރު ފަށަލަ އެޅުމުގެ މަސައްކަތް ކުރަނީ ކޭބަލްއާއި ޕައިޕް ނެޓްވޯކްގެ މަސައްކަތްތަކާއި، ދުވާރާއި ފެން ހިންދާ ނިޒާމާއި ޖަންގްޝަންތަކުގެ މަސައްކަތްތަކާއި، ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ފަށަލަ އެޅުމަށްފަހު، 3 ނުވަތަ 4 ސެގްމަންޓު އެއްކޮށްލައިގެންނެވެ.

އަމީނީ މަގުގައި ބާކީ ހިމެނޭ 6 ސެގްމަންޓްގެ މަސައްކަތް ކުރިއަށްގެންދާނީ 3 ބަޔަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ބައިގައި މަގު ރޫޅާލާނީ މާފަންނު ސްޓޭޑިއަމާ ހަމައަށެވެ. އެއަށްފަހު ޕްލޭނިން މިނިސްޓްރީއާ ހަމައަށް އަދި އޭގެ ފަހުން މަގުގެ ބާކީ ބައި އެއްކޮށް ނިންމާނެއެވެ.

އަމީނީ މަގުގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވަނީ މަގުގައި ހުރި ފެނާއި ނަރުދަމާއާއި އަދި މުއާޞަލާތީ ނެޓްވާރކްތައް ރަނގަޅުކޮށް މަސައްކަތް ކުރަމުންދިއުންކަން އާރް.ޑީ.ސީއިން ފާހަގަކުރެއެވެ. މިއީ މާލޭ، ހުޅުލެ އަދި ހުޅުމާލެއަށް ވެސް ޚިދުމަތްދޭ މައި ނެޓްވޯކްތަކެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރެއެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ.