ޚަބަރު

ހދ. މަކުނުދޫ ގެއެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް


ހދ. މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިރޭ ގާތްގަނޑަކަށް 8 ޖަހާ ކަންހާއިރު ހިނގި މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށު "އަލްފާ" ނަމަކަށް ކިޔާ ގެއެއްގައެވެ. މި ގޭގެ އެއްބަޔަކީ ފިހާރައެއްގެ ގޮތުގައި ބޭނުންކުރާ ބައެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ، މި ޙާދިސާ ހިނގުމާއެކު އެގޭގައި އެވަގުތު ދިރިއުޅެމުންދިޔަ 4 މީހަކު ރައްކާތެރިކަމާއެކު ގެއިން ނެރެ ތަން ހުސްކޮށްފައިވާކަމަށެވެ. އަދި އެއްވެސް މީހަކަށް މި ޙާދިސާގައި އަނިޔާވެފައިނުވާކަމަށާއި، މި 4 މީހުންވެސް އެމީހުންގެ އާއިލާ މެންބަރެއްގެ ގެއަށް ބަދަލުކޮށްފައިވާކަމަށެވެ.

އެގޭގައި ރޯވި އަލިފާންގަނޑު މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ކޮންޓްރޯލްކޮށް ނިއްވާލާފައިވާކަމަށް އައުޒަމް ވިދާޅުވިއެވެ. އަދި މި ޙާދިސާގައި ފިހާރައިގެ ގޮތުގައި ބޭނުންކުރި ބަޔަށާއި، ގޭގެ ފުރާޅު އެއްކޮށް ވެއްޓި، ޢިމާރާތައްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އައުޒަމް ވިދާޅުވިއެވެ.

މި ޙާދިސާ ހިންގަން މެދުވެރިވި ސީދާ ސަބަބެއް އަދި ދަންނަވަން ދަތިކަމަށާއި، އެހެންނަމަވެސް އިމާރާތަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށް އައުޒަމް ވިދާޅުވިއެވެ.