ޚަބަރު

މާސްޓާރ ޕްލޭން އެކުލަވާލީ ޓޫރިޒަމް ދާއިރާގެ ސިޔާސަތުތަކަށް ބަދަލެއް ނާންނަގޮތަށް: ޑރ.މަޢުޞޫމް


5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން އެކުލަވާލިނަމަވެސް ޓޫރިޒަމް ދާއިރާ ހިންގުމުގެ ސިޔާސަތުތަކަށް ބަދަލެއް ނާންނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، 5 ވަނަ ޓޫރިޒަމް މާސްޓާރ ޕްލޭން އިފްތިތާޙުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ފާއިތުވި 3 އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބުނީ ޓޫރިޒަމް މި ސިނާޢަތް ހިންގަމުންއައި ގޮތާއި މިސްރާބު ރަނގަޅުވުމުން ކަމަށެވެ. އެގޮތުން 5 ވަނަ މާސްޓަރ ޕްލޭންއެއް އެކުލަވާލިނަމަވެސް ޓޫރިޒަމް ހިނގާ ސިޔާސަތުތަކަށް ބަދަލެއް ނާންނާނެކަމަށް މިނިސްޓާރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ފާއިތުވި 50 އަހަރުވެސް ރާއްޖެއަކީ ޓޫރިޒަމްގެ ދާއިރާއިން ކާމިޔާބު ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަށްދާން ޖެހޭނީ ރާއްޖެއިން އިސްކަން ދީފައިވާ "ވަން ރިސޯޓް ވަން އައިލެންޑް" ކޮންސެޕްޓާއި އެއްގޮތަށްކަމަށްވެސް މިިނިސްޓަރ ވިދާޅުުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، 5ވަނަ މާސްޓަރ ޕްލޭން ވެގެންދާނީ ކޮވިޑްގެ ގޮންޖެހުންތަކުން އަރައިގަންނަ ކުރި މަސައްކަތުގެ އަލީގައި ރާއްޖެ ކުރި ތަޖުރިބާތަކާއި، ފިލާވަޅުތަކުގެ އަލީގައި މި ދާއިރާގެ މުސްތަޤުބަލު ބައްޓަން ކުރެވޭ މަގު ޗާޓެއްގޮތުގައި ކަމަށެވެ. ރާއްޖެއަކީ ދެމެހެއްޓެނިވި ޓޫރިޒަމްގެ ދުނިޔޭގެ އެންމެ ކުރީގައި އޮތް ޤައުމަށް ވެގެންދާއިރި ދެމެހެއްޓެނިވި ޓޫރިޒަމްގެ ވާހަކަތަކަށް މި މާސްޓަރ ޕްލޭންގައި ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މާސްޓަރ ޕްލޭން ލޯންޗްކޮށްފައި މުޅިން އައު ފެށުމަކުން ފަށަނީއެއްނޫން. ކުރަމުން އައި ދަތުރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ވަރަށް ފުރިހަމަ މަންޒިލެއް ކަނޑައަޅައިގެން. މުޅި ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި ޓޫރިޒަމް ލީޑްކުރާ ޑެސްޓިނޭޝަންގެ ގޮތުގައި ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭނެ ޑެސްޓިނޭޝަނެއްގެ ގޮތުގައި ހެދުމަށް. އަދި ދުނިޔޭގެ މާޙައުލަށް އަންނަ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް ފަހިވާގޮތަށް މަސައްކަތްކުރަމުން" މިނިސްޓަރ ޑރ. މަޢުޞޫމް ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. މަޢުޞޫމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތަކަށް ޕްރޮޑަކްޓެއް ހެދުމަށްޓަކައި "ވަން އައިލަންޑް ވަން ރިސޯޓް ކޮންސެޕްޓް" ރަނގަޅަށް ޙިމާޔަތްކޮށް، ދުނިޔޭގެ އެހެން މާކެޓްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވޭނޭހެން މި މާސްޓަރ ޕްލޭންއިން ފުރުޞަތު ހޯދައިދޭނެކަމަށެވެ.

ފަތުރުވެރިކަމުން ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ މި މާސްޓަރ ޕްލޭންގައި އެންމެ އިސްކަމެއް ދެއްވާ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެން ޝާމިލުވާ، އެންމެން ބައިވެރިވާ މަންޒިލެއްގޮތުގައި ދިވެހިރާއްޖެ މުސްތަޤުބަލުގައި އިތުރަށް ބޮޑަށް ތަރައްޤީވެގެން ދިޔުމަކީވެސް މި މާސްޓަރ ޕްލޭންގެ އެއް ބޭނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ހުރިހާ އެންމެންނަށްވެސް ޒިޔާރަތްކުރެވޭނެ ޑެސްޓިނޭޝަނަކަށް ހަދަންޖެހޭ ކަމަށާއި، އެހުރިހާ ކަމަކަށްޓަކައި ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރާއިރު، އެކަމަށް އިސްކަން ދެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ މައްޗަށް އެކުލަވާލާ ޕްލޭނެކެވެ.