ޚަބަރު

އަންހެނުންގެ ދުވަހާ ދިމާކޮށް އެއަރއިންޑިއާއިން ރެކޯޑެއް ހަދަނީ


ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެޕްރޮގްރާމްގެ ތެރެއިން ތާރީޚީ ގޮތުން ފާހަގަ ކުރެވިގެންދާނެ ޚާއްސަ ރެކޯޑެއް ގާއިމްކުރުމަށް އިންޑިޔާގެ ގައުމީ އެއާލައިން އެއަރ އިންޑިޔާއިން ނިންމައިފިއެވެ.

މިގޮތުން ހުސް އަންހެން ޕައިލެޓުންނާ ފަޅުވެރިންނާއެކުކުރާ އެންމެ ދިގުދަތުރުގައި މިއަދު ދިއްލީއިން އެމެރިކާގެ ސޭން ފްރޭންސިސްކޯއަށް ދިއުމަށް ފުރާނެއެވެ . މިބޯޓުގައި ހަތަރު އަންހެން ޕައިލެޓުންނާއެކު ސާދަ ފަޅުވެރިންހިމެނޭނެއެވެ. މި ބޯޓުގެ ފަޅުވެރިންނާ ޕައިލެޓުންގެ އިތުރުން ދަތުރުގެ އިންޖިނޭރުންނާ ބޯޓު ފުރުވާލުމުގައި ހަރަކާތްތެރިވާނީ މުޅިންވެސް އަންހެނުން ކަމަށް އެއަރއިންޑިޔާއިން ބުނެއެވެ. މިއީ ފަނަރަ ގަޑިއިރުގެ ދަތުރެކެވެ.

އެއާ އިންޑިޔާގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރއަޝްވަނީ ލޮހާނީ ވިދާޅުވީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ކަމަށްވާ މިމަހުގެ އަށްވަނަ ދުވަހު ، ހުސް އަންހެން ޕައިލެޓުންނާ ފަޅުވެރިން ހިމަނައިގެން އިތުރު ބާވީސް ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އެއަރ އިންޑިޔާގެ ޖުމްލަ މުވައްޒަފުންގެ އަދަދަކީ ހަތާވީސްހާސް ފަސްސަތޭކައެވެ. އޭގެތެރެއިން ތިންހާސް އަށްސަތޭކަ މުވައްޒަފުންނަކީ އަންހެނުންނެވެ .