ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް ބްރިޖްގެ މަސައްކަތް އޯގަސްޓްމަހު ނިމޭނެ: އެމްޓީސީސީ


ފަރެސްމާތޮޑާ އެއަރޕޯޓާއި ރަށް ގުޅާލަން ތަރައްޤީކުރާ ބްރިޖްގެ މަސައްކަތް އޯގަސްޓްމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

ގދ.ފަރެސްމާތޮޑާ އެއަރޕޯޓް މާޗްމަހުގެ 13 ވަނަ ދުވަހު ވަނީ ރަސްމީގޮތުން ހުޅުއްވައިފައެވެ. އެއަރޕޯޓު ހުޅުވިނަމަވެސް މި މަޝްރޫޢުގެ ދަށުން ރަށާއި އެއަރޕޯޓާ ދެމެދު ތަރައްޤީކުރައްވަން ހަމަޖެހިފައިވާ ބްރިޖްގެ މަސައްކަތެއް ނުނިމެއެވެ. އެމްޓީސީސީން އޭރު ބުނީ، ބްރިޖް ފަދަ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ތަޖުރިބާ އަދި އެކުންފުނީގައި ނެތުމާއި، ބްރިޖްގައި ޕްލޭންކުރި ވަރަށްވުރެ ބޮޑެތި ތަންބުތައް ފައްތަންޖެހުމުގެ ސަބަބުން މަސައްކަތަށް ލަސްކަމެއް ކުރިމަތިވި ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އެމްޓީސީސީން ބުނީ މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު މުޅި ބްރިޖްގެ މަސައްކަތް އޯގަސްޓް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕައިލް ކެޕް، ނުވަތަ ތަނބުތަކުގެ މަތީގައި އަޅަންޖެހޭ ކޮންކްރީޓް ފަށަލަ އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފަރެސްމާތޮޑާ އާއި އެއަރޕޯޓާ ދެމެދު އަޅާ ދާއިމީ ބްރިޖްގެ މަސައްކަތް ނުނިމޭތީ، ސަރުކާރުން ވަނީ އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ދެރަށް ދޭތެރޭގައި ވަގުތީ މަގެއް ހައްދަވައިފައެވެ. އަދި ކައިރި ރަށްރަށާއި ރިސޯޓުތަކުން އެއަރޕޯޓަށް އާދެވޭނެހެން، އެއަރޕޯޓުގައި ބަނދަރެއް ތަރައްޤީކޮށުރައްވައިފައެވެ.

ފަރެސްމާތޮޑާ އެއަޕޯޓަކީ އެރަށުގެ ފަޅުތެރޭގައި ހުރި ރަށްތައް ހިމެނޭހެން 19 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރައްވައިފައިވާ އެއަރޕޯޓެކެވެ. މިއެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ޤާއިމުކުރައްވައިފައިވެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 144.8 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ފަހުން ތަރައްޤީކޮށްފައިވާ އެއަރޕޯޓުތަކާއި ޚިލާފަށް ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ އެއަޕޯޓެކެވެ. މިއެއަރޕޯޓާއެކު ހުވަދު އަތޮޅުގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެއަތޮޅުގެ ރައްޔިތުން އުއްމީދުކުރެއެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރި ފުޅާވެ، ފަތުރުވެރިން ޒިޔާރަތްކުރަން ފެށުމުން، ޢާއްމުންގެ ވިޔަފާރިތަކަށް އޭގެ ފައިދާ ކުރާނެކަމަށް ރައްޔިތުން ފާހަގަކުރެއެވެ.