ޚަބަރު

މޮންޓްރިއާލް ޕްރޮޓޮކޯލްއަށް އަބަދުވެސް ބޯލަނބާ ނަމޫނާ ޤައުމަކަށް ރާއްޖެވާނެ: ޝައުނާ


ދިވެހިރާއްޖެއަކީ އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ބާރުއެޅުމަށް އެކުލަވާލާފައިވާ މޮންޓްރިއާލް ޕްރޮޓްކޯލްގެ މާއްދާތަކަށް އަބަދުވެސް ފުރިހަމައަށް ބޯލަނބާ، އެއަށް އިޙްތިރާމްކުރާ ޤައުމެއްކަމަށް، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖެއިން މިހާރު ތައްޔާރުވަމުން އަންނަނީ، އަންނަ 2024 ވަނަ އަހަރު ނުރައްކާތެރި ހައިޑްރޯފްލޮރޯ ކާބަން ނުވަތަ އެޗް.އެފް.ސީ ބޭރުކުރުން ހުއްޓާލުމަށްކަމަށެވެ.

ތިމާވެށި ޙިމާޔަތްކުރުމުގެ އެކި މުޢާޙަދާތަކާއި ގަވާއިދުތަކާއި ގުޅޭގޮތުން ސައުތު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ކަސްޓަމްސް އޮފިސަރުންނާއި، އޯޒޯން އޮފިސަރުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ބައްދަލުވުންތައް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވިދާޅުވީ، ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި އަޑު އުފުލުމުގައި ދެގޮތެއް ނުވެ ކުރިއަށްދާ ޤައުމެއްކަމަށެވެ.

މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާ ތިމާވެއްޓަށް ގެއްލުންދޭ ކަންކަމުން ރާއްޖެއިން ދުރުހެލިވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސް އޮފިސަރުންނަށް ޚާއްސަކޮށްގެން ރާއްޖެއަށް އެތެރެކުރުން މަނާ، އެކި ވިހަ ބާވަތްތައް އެތެރެކުރުން ހުއްޓުވުމަށް ގިނަ ތަމްރީނުތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ދެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް މޮންޓްރިއާލް ޕްރޮޓޮކޯލްގެ މާއްދާތަކަށް ބޯލަނބާ ނަމޫނާ ޤައުމެއްކަމަށެވެ. އަދި އަންނަ 2024 ވަނަ އަހަރު ރާއްޖެއިން އެޗް.އެފް.ސީ ފޭސް އައުޓްކުރުމަށް ނުވަތަ ޖައްވާ ވިހަ މާއްދާތައް ބޭރުކުރުން ހުއްޓާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"ރާއްޖެއަކީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ މާއްދާތަކަށް އަބަދުވެސް ބޯލަނބާ ނަމޫނާ ޤައުމެއް. ރާއްޖެއިން މިހާރު މަސައްކަތްކުރަމުން ދަނީ 2024 ގެ ނިޔަލަށް އެޗް.އެފް.ސީ ޖައްވައް ބޭރުކުރުން ހުއްޓާލާ ޤައުމަކަށްވުމަށް. މިކަމަށް ބޭނުންވާ މަޝްރޫޢުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ނޭޝަނަލް އޯޒޯން އޮފިސަރސް އަދި ކަސްޓަމްސް އޮފިސަރސްއަށް ޚާއްސަކޮށްގެން ބާއްވާ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން 25 ގެ ނިޔަލަށް ރާއްޖޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް އޯޒޯން ޔުނިޓުގެ ޕްރޮޖެކްޓް ކޯޑިނޭޓަރ، އިބްރާހީމް ފައުޒާން ފަތުޙުއްﷲ ވިދާޅުވީ، ދެކުނު އޭޝިއާ ޤައުމުތަކުގެ މަންދޫބުންގެ އިތުރުން، މަލްޓިލެޓަރަލް އޭޖެންސީސްތަކުންވެސް މިބައްދަލުވުމުގައި ބައިވެރިވަމުންދާކަމަށެވެ.

"މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްސަދަކީ ސައުތް އޭޝިއާ ޤައުމުތަކުގެ ކަސްޓަމްސްއަދި އޯޒޯން އޮފިސަރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް، ކުރިއަށް އޮތްތަނުގައި އަންނަ ޓެކްނޮލޮޖީގެ ބޭނުންކުރާނެ ގޮތާއި ދިމާވާ މައްސަލަތައް ހިއްސާކޮށް ޙައްލު ހޯދުމަށް މަސައްކަތްކުރުން" ފައުޒާން ވިދާޅުވިއެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ކޮމްޕްލަޔަންސް އެސިސްޓަންސް ޕްރޮގްރާމް އާއި މިނިސްޓްރީ އޮފް އެންވަޔަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި ދެކުނު އޭޝިއާގެ 10 ޤައުމަކުން މިއަހަރު ބައިވެރިވެއެވެ.

މީގެ ތެރޭގައި އިންޑިއާއި ޗައިނާވެސް ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. އޯޒޯން އޮފިސަރުންނަށާއި ކަސްޓަމްސް އޮފިސަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި އެކި ޤައުމުތަކުން 25 ފަރާތަކުން، ބައިވެރިވެއެވެ.

މި ބައްދަލުވުންތަކުގައި ޔުނެޕްއާއި، މަލްޓިލެޓެރަލް ފަންޑް ގެ ސެކްރެޓޭރިއަޓާއި، އޯޒޯންގެ ސެކްރެޓޭރިއަޓް، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ)، ބީ.އާރް.އެސް ސެކްރެޓޭރިއަޓް ފަދަ ބައިލެޓެރަލް އޭޖެންސީތައް އަދި ވާރލްޑް ބޭންކްއާއި، ގްރީން ކަސްޓަމްސް އިނީޝިއޭޓިވް، ވޯރލްޑް ކަސްޓަމްސް އޯރގަނައިޒޭޝަން، އިންޓަރޕޮލް، ސަރަހައްދީ ނޭޝަނަލް އޯޒޯން އޮފިސަރުން އަދި ކަސްޓަމްސް އޮފިސަރުން ބައިވެރިވެއެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްސަދަކީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އެކި ދާއިރާތަކުން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭ ތަޖުރިބާތައް ސައުތު އޭޝިއާ ނެޓްވަރކް ޤައުމުތަކުގެ މެދުގައި ހިއްސާކުރުމާއި، އެ ޕްރޮޓޮކޯލް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި ތިމާވެއްޓާ ގުޅުންހުރި މަލްޓިލޭޓަރަލް އެގްރީމަންޓްތައް ތަންފީޒުކުރުމުގައި ކަސްޓަމްސް އެޑްމިނިސްޓްރޭޝަންގެ ދައުރާ ގުޅޭގޮތުން ކަސްޓަމްސް އޮފިސަރުންނަށް މައުލޫމާތު ދިނުމާއި، އޯޒޯން ޑިޕްލީޓިންގ ސަބްޓެންސަސް (އޯ.ޑީ.އެސް) އަދި އެޗް.އެފް.ސީ ގެ ވިޔަފާރި އިނޮވޭޓިވް ގޮތްތަކުގެ ތެރެއިން ކޮންޓްރޯލް ކުރުމަށްޓަކައި މޮނިޓަރިންގ އަދި އެންފޯސްމަންޓް މެކޭނިޒަމް ހަރުދަނާކުރުމާ ބެހޭގޮތުން ނޭޝަނަލް އޯޒޯން އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުން ތަމްރީނުކުރުމެވެ.