ފަލަސްޠީނުގެ ޣައްޒާގައި ޤަތުލުއާއްމު ހިންގުމަށް ނިރުބަވެރި ދަޢުލަތަށް ހަތިޔާރު ވިއްކުން ހުއްޓުވަން، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ތަފާތު ދެ ޤަރާރެއް ފާހެއް ނުވިއެވެ.
ނަމަވެސް، މީގެކުރިން މިފަދަ ޤަރާރުތަކަށް ލިބޭ ވަރަށް ވުރެ އިތުރަށް މި ދެ ޤަރާރަށް މެމްބަރުންގެ ތާޢީދު ލިބުނެވެ.
މި ދެ ގަރާރު ހުށަހެޅުއްވީ އިދިކޮޅު ޑިމޮކްރެޓުންނަށް ތާޢީދުކުރައްވާ ވަރމަންޓްގެ މިނިވަން މެމްބަރު ކަމަށްވާ ސެނެޓަރު ބަރނީ ސެންޑަރސްއެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ނެގި ވޯޓުގައި 100 މެމްބަރުންގެ ތިއްބަވާ މަޖިލީހުގައި ފުރަތަމަ ޤަރާރަށް 24 މެމްބަރުން ތާޢީދުކުރެއްވިއިރު، 73 މެމްބަރުން ވޯޓު ދެއްވީ އެ ޤަރާރާ ދެކޮޅަށެވެ. ދެވަނަ ޤަރާރު ފެއިލްވީ 70 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވުމުންނެވެ. އެ ޤަރާރަށް 24 މެމްބަރުން ތާޢީދުކުރެއްވިއެވެ.
ޔަހޫދީންނަށް އެމެރިކާއިން ހަތިޔާރު ވިއްކުން ހުއްޓުވަން މިދިޔަ އޭޕްރީލް މަހު ހުށަހެޅުއްވި ދެ ޤަރާރު ވެސް ވަނީ ފާސްނުވެގެން ބޭރުކޮށްލައިފައެވެ. ނަމަވެސް، އޭރު އެ ދެ ޤަރާރު ބޭރުކޮށްލީ، 80 އަށް ވުރެ ގިނަ މެމްބަރުން ދެކޮޅަށް ވޯޓު ދެއްވައިގެންނެވެ.
ޤަރާރުތައް ފެއިލްވިޔަސް، މެމްބަރުން ތާޢީދުގެ އޮއިވަރު ބަދަލުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ސެންޑަރސް ވަނީ އުފާފާޅުކުރައްވައިފައެވެ.
މިގޮތުން، އޭޕްރީލް މަހު އެކަމާ ދެކޮޅު ހެއްދެވި ބައެއް މެމްބަރުން އިއްޔެގެ ޤަރާރަށް ތާޢީދު ކުރެއްވިކަން ސެންޑަރސް ފާހަގަކުރެއްވިއެވެ.
ސެންޑަރސް މަސައްކަތް ކުރެއްވީ ގާތްގަނޑަކަށް 675 މިލިއަން ޑޮލަރުގެ ހަތިޔާރު، އެމެރިކާއިން ޔަހޫދީންނަށް ވިއްކުން ހުއްޓުވުމަށެވެ.
ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނަށް މިހާރު ވެސް ދަނީ ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވަމުންނެވެ.
މިގޮތުން، ޔަހޫދީންނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް، ފަރަންސޭސިވިލާތާއި އިނގިރޭސވިލާތް، ކެނެޑާ އަދި މަލްޓާ އިން އަންނަ ސެޕްޓެމްބަރު އޮންނަ އދ.ގެ އާންމު މަޖިލީހުގައި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަން ވަނީ އިޢުލާނުކޮށްފައެވެ.
ޔަހޫދީންނަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގެ ސަބަބުން ބައެެއް ވަގުތުތަކުގައި ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑައިލައި އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވަނީ މަޖުބޫރުވެފައެވެ. ޖުލައި މަހުގެ 27ވަނަ ދުވަހުން ފެށިގެން އެ ފުރުޞަތު ދޭނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެފްޕީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ބޭނުންވާ ޙުއްދަތަޢް އެ ޖަމުޢިއްޔާއަށް ނުލިބޭ ކަމަށް ބުނެފައެވެ.
ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ބަނޑަށްޖެހޭ މީހުންނާއި މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެފައިވާ މީހުންނާއި ބަނޑުހައިހޫނުކަމާ ގުޅުންހުރި އެހެނިހެން ބަލިތައް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދު ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެހީދޭ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން ދުވަސްކޮޅަކަށް މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.
ޢުދުވާން ފެށުނު ފަހުން ޣައްޒާގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 60،000އަށްވުރެ އިތުރުވެފައެވެ. ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.