ޚަބަރު

ކިހާދޫ ފަޅު ފުންކުރަން ނެގި ވެލި އެޅި ސަރަޙައްދު ހިމާޔަތްކުރަން ހަވާލުކުރައްވައިފި


ބ.ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ހޯގާޑާ ހަވާލުކުރައްވައިފިއެވެ.

ކިހާދޫގައި ގޮނޑުދޮށް ގިރަމުންދާ ސަރަޙައްދަކީ އެރަށު ބަނދަރު ހެދުމަށް ނެގި ވެލިތައް އަޅާފައިވާ ސަރަޙައްދެވެ. އެސަރަހައްދަށް ގާތްގަނޑަކަށް 30000 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވެއެވެ.

ކިހާދޫ ކައުުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވީ، އެއްވެސް ޙިމާޔަތެއް ނެތި ވެލިތައް ގިރައިގެންދާތީ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށެވެ. އޭނާ ވިދާޅުވީ ވެލިތައް ރަށުގެ މޫދާ ފަރުތެރެއަށް ފައިބައިގެންދިއުމާއި، އަދި ރަށުގެ ގޮނޑުދޮށުން ބޮޑު ހިސާބަކަށް މި ވެލިތައް އަޅާފައިވާތީ ރަށުގެ މަލިމަތިވެސް ހަޑިވެފައިވާ ކަމަށެވެ.

ޝާފިއު ވިދާޅުވީ 600 ފޫޓުގެ ސަރަޙައްދަކަށް މިވެލި އަޅާފައިވާކަމަށެވެ. އޭގެތެރޭގައި ފުޅާމިނުގައި 10 ފޫޓު އަދި އުސްމިނުގައި 20 ފޫޓަށް ވެލި ހުރި ސަރަޙައްދުތައްވެސް ހުރިކަމަށެވެ.

ކިހާދޫގެ ގޮނޑުދޮށް ގިރަމުންދާތީ މިކަމަށް ޙައްލެއް ހޯދާދިނުމުގެ ގޮތުން އެވެލިތައް ފަތުރާ، އެ ސަރަޙައްދުގައި ބޮޑު ހިލައިގެ ތޮއްޓެއްލައި ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިމަސައްކަތް އެމް.ޓީ.ހޯގާޑާ މިހާރުވަނީ ހަވާލުކުރައްވާފައެވެ.

މަސައްކަތުގެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޕާ ވިންތަރ ލާސެން އެވެ.

މިމަޝްރޫޢުގެ ދަށުން އެރަށު ގިރާފައިވާ ސަރަޙައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އެޅުމާއި، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކުރައްވާފައިވަނީ 15.6 މިލިއަން ރުފިޔާއަށް، 6 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.