ޑަބްލިއުއެޗްއޯގެ ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުމުގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދަނޮމް ގެބްރިއޭސިސް ތަޢުރީފުކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯއިން ކޮންމެ އަހަރަކުވެސް، އެ އަހަރު ތެރޭގައި ޞިއްޙީ ދާއިރާއިން ކުރާނެ ކަންކަން ނިންމައި، އޭގެތެރެއިން ވެސް ޚަރަދުކުރުމުގައި އިސްކަންދޭނެ ކަންކަން ނިންމުމަށް ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބައްދަލުވުންތަކެއް ބާއްވައެވެ.
މި އަހަރުގެ މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ ފަރާތުން، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޑިރެކްޓަރ ޢާއިޝަތު ރިޝްމީއެވެ. ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ކުރެއްވި ޓުވީޓުގައި ވަނީ މި ބައްދަލުވުމުގެ ރިޔާސަތުގައި ރިޝްމީ ދެއްކެވި ލީޑަރޝިޕް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.
މިކޮމިޓީގެ ރިޔާސަތަށް ރާއްޖެ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގައެވެ. މިއާއެކު މިދިޔަ އަހަރު ބޭއްވި ކޮމިޓީގެ ބައްދަލުވުންތަކުގައި އޮންލައިންކޮށް އަދި ޤައުމުތަކުން އެއްތަންވެ ޖެނީވާގައި ބޭއްވި އެކި ބައްދަލުވުންތަކުގެ ރިޔާސަތު ރާއްޖެއިން ވަނީ ބަލަހައްޓައިފައެވެ.
My huge thanks to Aishath Rishmee, Director of @MoHmv’s Policy Implementation and International Relations Division, for her leadership as Chair of the 38th meeting of the @WHO Programme, Budget and Administration Committee. pic.twitter.com/xpByFA0JRs
— Tedros Adhanom Ghebreyesus (@DrTedros) May 18, 2023
މިނިސްޓްރީ އޮފް ހެލްތުން ވަނީ މިކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ރާއްޖެއަށް ލިބުމަކީ ބޮޑު ޝަރަފެއްކަން ފާހަގަކުރައްވައިފައެވެ. ޢާއްމުގޮތެއްގައި ޤައުމުތަކަށް ޑަބްލިއު.އެޗް.އޯގެ، ޕްރޮގްރާމް ބަޖެޓް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ރިޔާސަތަށް އާދެވެނީ، ކޮމިޓީގެ ނާއިބުގެ ގޮތުގައި އެއް އަހަރު މަސައްކަތް ކުރުމަށްފަހުގައެވެ. އެހެންނަމަވެސް ރާއްޖެއިން އޭގެ ކުރީ އަހަރު އެކޮމިޓީގައި އަދާކުރި މުހިއްމު ދައުރު ފާހަގަކޮށް ނާއިބުގެ ގޮތުގައި އެއް އަހަރު ހޭދަނުކޮށް ސީދާ ރިޔާސަތަށް އައުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
އަދި ދެކުނު އިރުމަތީ އޭޝިއާގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ކުޑަ ޤައުމަކުން އަންހެން ބޭފުޅަކު މި ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ޤައުމީ ފެންވަރުގައިވެސް އަދި ސަރަޙައްދީ ފެންވަރުގައިވެސް މިއީ ރާއްޖެއަށް ލިބުނު ޝަރަފެކެވެ.
ރާއްޖެއިން މިކޮމިޓީގެ ރިޔާސަތު ބެލެހެއްޓި ދައުރަކީ ޑަބްލިއު.އެޗް.އޯގެ ތާރީޚުގައިވެސް އެންމެ ގިނަ ފަރާތްތަކަށް ފާއިދާވާނެ ފަދަ ގޮތަކަށް މިހާތަނަށް ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވާ ބަޖެޓުކަން އެޖަމްޢިއްޔާއިން މީގެކުރިންވެސް ވަނީ ފާހަގަކޮށްފައެވެ.