ޚަބަރު

މިއަހަރުގެ ފައިނޭންސް ފޯރަމްގައި ފައިނޭންސް ޓެކްނޮލޮޖީއާގުޅޭ މުހިންމު މަޝްވަރާތަކެއް


މިއަހަރު ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމުގައި ފައިނޭންސް ޓެކްނޮލޮޖީއާ ގުޅުންހުރި މުހިއްމު މަޝްވަރާތަކެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުން އިންތިޒާމްކުރައްވައިގެން ބާއްވަވާ މި ފޯރަމް އޮންނާނީ މި މަހުގެ 29 ވާ ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް މި ދާއިރާގައި ޙަރަކާތްތެރިވާ އިސް މަސްއޫލްވެރިން އެއްތަނަކުން ބައްދަލުވެ، ރާއްޖެއަށް އިޤްތިޞާދީގޮތުން ގެނެވޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފޯރަމެކެވެ.

ކޮންމެ އަހަރަކަށްވެސް ޝިޢާރެއް ކަނޑައެޅިގެން ކުރިއަށްދާ މި ފޯރަމްގެ މި އަހަރުގެ ޝިޢާރަކީ "ދަ ފިއުޗާރ ފައިނޭންސް އެކްސްޕްލޯރ އިންޓަރސެކްޝަން އޮފް ފައިނޭންސް ޓެކްނޮލޮޖީ އެންޑް އާރޓިފިޝަލް އިންޓާރލިޖެންސް" އެވެ. ރާއްޖެއާއި، ރާއްޖޭން ބޭރުން މާލީ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނާއި، ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރ ސްޓޭކް ހޯލްޑަރ ރިލޭޝަން ޢާއިޝަތު ފަޒްނާ ވިދާޅުވީ، މި އަހަރުގެ ފޯރަމްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ދާއިރާއަކީ ވަރަށް ބޮޑަށް ޓެކްނޮލޮޖީއާ ގުޅުން ހުރި ދާއިރާއަކަށް ވުމުން މި އަހަރުގެ ފޯރްމަގައި ފައިނޭންސް ސެކްޓަރގެ ބޭފުޅުންގެ އިތުރުން ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެއެވެ. އަދި ވަކިން ޚާއްޞަކޮށް ފައިނޭންސް ޓެކްނޮލޮޖީ އާރޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއާ ގުޅުން ހުރި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަކީ މާލީ ދާއިރާގައި ޚާއްޞަ އަހައްމިއްޔަތު ކަމެއްދީގެން ބަހުސްކުރެވޭ ދާއިރާއެކެވެ. ފަޒްނާ ވިދާޅުވީ، ފައިނޭންސް ޓެކްނޮލޮޖީގެ ސަބަބުން މާލީ ޚިދުމަތްދެވޭ ގޮތް ވަރަށް ބޮޑުތަނުން ބަދަލުވެގެން ގޮސްފައިވާކަމަށެއެވެ.

"ކުރީގައި އަޅުގަނޑުމެން މާލީ ޚިދުމަތް ހޯދަމުން އައި ޓްރެޑިޝަނަލް ގޮތްތައް ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެކަމަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންވެސް ވިސްނަންޖެހިފައި މިވަނީ. އެގޮތުން ގިނަ ބަދަލުތަކެއް އަޅުގަނޑުމެންގެ ރާއްޖެއަށް ބެލިކަމުގައިވިޔަސް ފެންނަމުންދަނީ. އަޅުގަނޑުމެންގެ ބޭންކިންގ ސަރވިސްއަށް ބެލިކަމުގައިވިޔަސް ބެންކަށް ގޮސް ހޯދާ ގިނަ ޚިދުމަތްތަކެއް މިހާރު އޮންލައިންކޮށް ހޯދަމުންދަނީ " ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، މި އަހަރުގެ ފޯރަމްގައި ރާއްޖޭގެ ފައިނޭންޝަލީ އަދި ޓެކްނޮލޮޖީގެ ގޮތުން އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުންނާއި، އެ ދާއިރާތަކުގެ މަސައްކަތްކުރާ ފަރާތްތަކަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެކަމަށެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ފޯރަމްގައި ރާއްޖޭގެ ފައިނޭންސް ދާއިރާ އަދި ފައިނޭންސް ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިން އެ ބޭފުޅުން ކުރައްވާ ރިސާރޗްތަކާއި ޕްރޮޖެކްޓްތައް ޙިއްޞާކުރެއްވުމުގެ ފުރުޞަތު ވެސް ދެވޭނެއެވެ.

"މޯލްޑިވްސް ފައިނޭންސް ފޯރަމް" އަކީ ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ބައްވަވަމުން އަންނަ ޚާއްޞަ ފޯރަމްއެކެވެ. ކޮންމެ އަހަރަކުވެސް ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭހެން ގިނަ ބަޔަކު މި ފޯރަމްގައި ބައިވެރިވެއެވެ.