އަތޮޅުތަކުގެ ތެރެއިން އިސްރަށްވެހިންނަށް ޚިދުމަތްދޭ ޚާއްސަ މަރުކަޒުތައް އެންމެ ފުރަތަމަ ޤާއިމްކުރައްވާނީ އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކުރާ ސަރަޙައްދުތަކުގައިކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.
އިސްރަށްވެހިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށްގެން މަރުކަޒުތަކެއް ޤާއިމްކުރެއްވުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތަކެވެ.
އިސްރަށްވެހިންގެ މަރުކަޒުތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ މަރުކަޒު މާލޭގައި ޤާއިމްކުރެއްވިނަމަވެސް މިފަދަ މަރުކަޒުތައް އަތޮޅުތެރޭގައިވެސް ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަކްރަމް ހުސައިން ވިދާޅުވީ އެ މިނިސްޓްރީގެ ޚިދުމަތްތައް އަތޮޅުތެރެއަށް ފުޅާ ކުރުމުގައި ބޮޑަށް އިސްކަން ދެއްވަނީ އަނިޔާގެ ޝިކާރައަކަށްވެ އެހީތެރިކަން ބޭނުންވެގެން ރިޕޯޓްކުރާ މައްސަލަތަކުގެ ތަފާސް ހިސާބަށް ބެލުމަށްފަހު، މައްސަލަތައް އެންމެ ގިނަ ސަރަޙައްދުތަކުގައިކަމަށެވެ. އަދި އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒަތުތައްވެސް ޤާއިމްކުރައްވާނީ މި އުޞޫލްގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ވޭތުވެދިޔަ 5 އަހަރުތެރޭގައި ހުށަހެޅުނު އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަނިޔާކުރުމުގެ 500އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށެވެ. އޭގެތެރޭގައި މާލެ ސަރަޙައްދާއި އާބާދީ ބޮޑެތި ސަރަހައްދުތަކުން އެފަދަ މައްސަލަތައް ހުށައަޅާ މިންވަރު އިތުރުކަމަށްވެސް އޭނާ ފާހަކުރެއްވިއެވެ.
އަކްރަމް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު ޤާއިމްކުރައްވާނީ އައްޑޫ ސިޓީ ފޭދޫގައިކަމަށެވެ. އަދި އެ މަރުކަޒު ޤާއިމްކުރެއްވުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަމަށާއި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
" އިސްރަށްވެހިންގެ މަރުކަޒުތައް އަޅާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާނަށް އިސްރަށްވެހިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާ އެންމެ ގިނައިން ރިޕޯޓް ކުރާ ސަރަޙައްދުތަކަށް. އަދި ސިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނެ ރަށްތަކާއި ދަތުރުފަތުރުގެ ލުއިފަސޭހައަށްވެސް އަޅުގަނޑުމެން ބަލާނަން. "ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަކްރަމް ހުސައިން ވިދާޅުވިއެވެ.
އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުތަކެއް ޤާއިމްކުރެއްވުމުގެ ބޭނުމަކީ އިސްރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ގަދަރާއި އިޙްތިރާމް ހޯދައިދިނުމަށް މަގުފަހި ކުރުމާއި އެކަންކަމަށް ބާރުއެޅުމުގެ އިތުރުން، އިސް ރަށްވެހިންނަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މުޖުތަމަޢުގައި އިސް ރަށްވެހިންގެ ހިއްސާ މިހާރަށްވުރެ ބޮޑަށް އިތުރުކުރުމާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރާވާ ހިންގުމަކީވެސް މިފަދަ މަރުކަޒުތައް އެޅުމުގެ ބޭނުމެކެވެ.
އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުން އެމީހުންނަށް ފަރުވާ ދިނުމުގެ އިތުރަށް އިސްރަށްވެހިންގެ ތަޖުރިބާ ޒުވާނުންނާއި ހިއްސާކޮށް، ޤައުމުގެ ތަރައްޤީގައި އެމީހުން ދެކޭ ގޮތް ހިއްސާ ކުރުމުގެ ފުރުޞަތުތައްވެސް ލިބިގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިސްރަށްވެހިންގެ ޢުމުރާ ގުޅޭ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތަކާއި، ދޮށީ އުމުރުގެ މީހުންނަށް ދުޅަހެޔޮކޮށް ހުރުމާއި ގުޅޭ ސިއްޙީ މަޢުލޫމާތުތައް ލިބޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުވުމަށް ވަނީ ނިންމަވާފައެވެ.