އެޗްޑީސީން ހުލުމާލޭގައި ތަރައްގީކުރާ ކޮންޓެއިނަރ ޕާކުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ގުޅުން ހުރި މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.
އަލަށް ފަށައިގަންނަ ވިޔަފާރިތަކަކީ ވަކި އޮފީހެއް ހުޅުވައިގެން ވިޔަފާރި ހިންގުމުގެ ބުރަތައް އުފުލަން އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާނެ ވިޔަފާރިތަކަކަށްވުމުން، އެފަދަ ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުންކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މި ސަރުކާރާއެކު ރާއްޖެއަށް ތައާރަފްވެފައިވާ ކޯ ވޯކްސްޕޭސްއަކީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްކޮށް، ޚިޔާލު ބަދުލުކުރެވޭނެ ފަހި މާހައުލެއް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ފަރުމާކުރެވިފައިވާ އޮފީސް މާހައުލެކެވެ.
ހުޅުމާލޭގައި ތަރައްގީކުރާ ކޮންޓެއިނަރ ޕާކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ގުޅުން ހުރި މަސައްކަތްތައް، ހިތްހަމަޖެހޭ މާހައުލެއްގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް އެޗްޑީސީ، އިކޮނޮމިކް މިިނިސްޓްރީ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިހާރު ވަނީ މަސައްކަތް ފަށްޓަވާފައެެވެ.
ރެޑްވޭވް މެގަމޯލް ފަހަތުގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނަރ ޕާކަކީ ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ކޮންޓެއިނަރ ޕާކެވެ.
ކޮންޓެއިނަރ ޕާކުގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާއިރު، އެތަނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ހަދާ ކޯ ވަރކިންގ ސްޕޭސްއަކީ ރާއްޖޭގައި ހުޅުވާ މިފަދަ ދެވަނަ ތަނެވެ.
ހުޅުމާލޭގައި މިފަދަ ކޯ ވޯކް ސްޕޭސްއެއް ތަރައްޤީކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ޒުވާނުންގެ ކުރިއެރުމަށް މަގުފަހިކުރުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮންޓެއިނަރ ޕާކުގައި ކޯ ވަރކިންގ ސްޕޭސް ތަރައްޤީކުރައްވަނީ އެޗްޑީސީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެނެވެ.
އަލަށް ފަށައި ގަންނަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ތަރައްގީކުރާ މި ކޯ ވަރކިން ސްޕޭސްގެ އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އިކޮނިމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ނީޒާ އިމާދެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒްލީނާ ފާކިރެވެ.
ކޯ-ވަރކިންގް ސްޕޭސްގެ އިތުރުން މި ކޮންޓެއިނަރ ޕާކުގައި ދެ ކެފޭ ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މަސައްކަތްކުރާނެ ޖާގައެއް ހޯދައިދިނުމަށް ބީސީސީން ފުރަތަމަ ތަރައްޤީކުރި ކޯ ވޯކް ސްޕޭސް "ސީޑް ބައި ބީސީސީ" ހުޅުވީ 2021 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެެވެ. ސީޑް ބައި ބީސީސީގައި އެއްފަހަރާއި ގާތްގަނޑަކަށް 40 މީހުންނަށް މަސައްކަތްކުރެވޭނެއެވެ.
ކޯ ވޯކް ސްޕޭސްއަކީ ހައި ސްޕީޑް އިންޓަރނެޓާއި، ޕްރިންޓިންއާއި، އޮފީހަކަށް ބޭނުންވާ ގިނަ ހިދުމަތްތަކަކާއެކު ވަރަށް ކުޑަ އަގެއްގައި މަސައްކަތްކޮށްލެވޭނެ އޮފީސް ޖާގައެކެވެ. ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މިފަދަ އިތުރު ތަންތަން މާލެއާއި އަތޮޅުތަކުގައި ޤާއިމްކުރެއްވުމަށެވެ. އަދި އެތަންތަނުން ވިޔަފާރިތަކަށް ފަންނީ އެހީތެރިކަންވެސް ދަނީ ފޯރުކޮށްދެއްވަމުންނެވެ.
ސަރުކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ކުދި ވިޔަފާރިތަަކަށް ކުރިއަރުވައި، ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ސިންދަފާތުކުރުމަށް ވަރަށް މުހިއްމުކަމެކެވެ. އެހެންކަމުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ އެކި ސިޔާސަތުތަކުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.