މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޙައްޖަށް މީހުން ގެންދިޔުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ސަރުކާރުގެ އެކި މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިޔައީ ވަރަށް ފުރިހަމަކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ޙައްޖު ކޯޕަރޭޝަނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.
ނާއިބު ރައީސް ވިދާޅުވީ، ޙައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމުތައް ވީހާވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށާއި، އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖާޖީންގެ އިންތިޒާމުތައް އެންމެ ފުރިހަމަޔަށް ހަމަޖެއްސުމަށް، ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދެވުމަށް ނައިބު ރައީސް ފައިސަލް ނަސީމްވަނީ އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި ޙައްޖާޖީން ފުރުމަށް އެއަރޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެކަމަށެވެ.
މި އަހަރު މިހާތަނަށް ރާއްޖެއިން ޙައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި، ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެ އިންނެވެ. ފާއިތުވި އަހަރެކޭ އެއްފަދައިން މިއަހަރުވެސް މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފެރީއާއި ލޯންޗް މެދުވެރިކޮށް ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.