ޚަބަރު

މާލެ ސަރަޙައްދުގެ 15 ރަށެއްގައި ކުނިކޮށި ހެދުމުގެ ޕްރޮޖެކްޓެއް


އޭޑީބީގެ އެހީގައި މާލެ ސަރަޙައްދުގެ 15 ރަށެއްގައި ޒަމާނީފެންވަރަށް ކުނި ކޮށިއެޅުމުގެ މަޝްރޫޢެއް ފަށްޓަވައިފިއެވެ. މި މަޝްރޫޢުގައި ހިމެނޭ ފުރަތަމަ 3 ރަށުގެ މަސައްކަތް ކޮންޓްރެކްޓަރާ މިވަނީ ޙަވާލުކުރައްވައިފައެވެ. މި މަސައްކަތް ޙަވާލުކުރެއްވީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ. މިއީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެެކެވެ.

މި މަޝްރޫޢުގެ ދަށުން ކުނިކޮށި އެޅުމަށް ޙަވާލުކުރައްވާފައިވާ 3 ރަށަކީ ކ.ތުލުސްދޫ، ކ.ހުރާ އަދި ކ.ހިންމަފުށްޓެވެ. މިރަށްތަކުގެ މަސައްކަތް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާއެވެ. ކޮންޓްރެކްޓަރ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޢާޞިމެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކުރައްވައިގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ހިންގާ "ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

މިއީ 6 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށް ހަވާލުކުރައްވާފައިވާ މަސައްކަތެކެވެ.

ކުނި ކޮށި އެޅުމުގެ މަޝްރޫއުގެ އަގު:

  • ކ. ހުރާ - 3.26 މިލިއަން ރުފިޔާ
  • ކ. ހިންމަފުށި - 3.52 މިލިއަން ރުފިޔާ
  • ކ. ތުލުސްދޫ - 3.51 މިލިއަން ރުފިޔާ

ރާއްޖޭގެ ތިމާވެށީގެ ޙާލަތު ރަނގަޅުކުރައްވައި، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރެއްވުމަށްޓަކައި ދިވެހި ސަރުކާރުން ގެންދަވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެހެނިހެން މާލީ އިދާރާތަކުގެ މާލީ އެހީގައި ކުރިއަށްގެންދަވާ މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލޭގެ އިތުރުން، ކ، އއ. އދ. އަދި ވ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތުގެ ދަށުން ޖުމްލަ 8 ބަޔަކަށް ބައްސަވައިލައްވައިގެން 15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. ކ. ތުލުސްދޫ، ކ. ހުރާ އަދި ކ. ހިންމަފުށި، މި ތިން ރަށަކީ މި މަސައްކަތް ކުރިއަށްގެންދާ ފުރަތަމަ 3 ރަށެވެ.

މި މަރުކަޒްތައް ފަރުމާކުރައްވައިފައިވަނީ، ޒަމާނީ ވަޞީލަތްތަކާއެކު ކުނި މެނޭޖްކުރެވޭނެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއްގެ ގޮތުގައެވެ. ކޮންމެ ސެންޓަރެއްގައި އޮފީސް ޢިމާރާތަކާއި ގާރޑް ޕޯސްޓެއްވެސް ހުންނާނެއެވެ. މި ސެންޓަރުތަކުގެ ސަބަބުން ރައްކާތެރި ގޮތުގައި ރަށު ފެންވަރުގައި ކުނި ވަކިކޮށް، ރަށްރަށުގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވާނެއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމަނުއްވައިގެން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގަވާނެއެވެ.

މި މަޝްރޫޢުގައި ދެން ހިމެނޭ 12 ރަށުގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ހަވާލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.