ޚަބަރު

ހއ. ދިއްދޫގައި 1500 މީހުންގެ ޖާގައިގެ އިސްލާމިކް ސެންޓަރެއް


ހއ. ދިއްދޫގައި އިސްލާމިކް ސެންޓަރެއް ޢިމާރާތްކުރުމަށް ކުންފުންޏާކާ ޙަވާލުކޮށްފިއެވެ.

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި "ދިއްދޫ އިސްލާމިކް ސެންޓަރު" ޢިމާރާތްކުރުމަށް ޙަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އާދަމް ރަޙީމެވެ. މި ރަސްމިޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިއްދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. މި މަރުކަޒުގައި ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، 450 މީހުންގެ މަލްޓިޕަރޕަސް ހޯލެއް ހުންނާނެއެވެ. އަދި މި މަރުކަޒުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމުގެ އިތުރުން ޕޭންޓްރީ ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ.

މި މަރުކަޒު ހުންނާނީ އޭސީކުރެވިފައިކަމަށާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢު ރަޝީދު ކާޕެންޓްރީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ދެއްކެވި ވާހަކަފުޅުގައި މި މަސައްކަތް ވީހާވެސް އަވަހަކަށް ފަށާ، ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މަސައްކަތް ޙަވާލުކުރި ކުންފުންޏަކީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާ ހުރި ކުންފުންޏަކަށް ވާތީ މަސައްކަތް ހަލުވިކަމާއެކު ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ދިއްދޫ އިސްލާމިކް ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢަށް 50.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މަސައްކަތް ރަޝީދު ކާޕެންޓްރީއާއި ޙަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.