ޚަބަރު

އައިވީއެފް: ރާއްޖޭގެ ގިނަބަޔަކު ބޭނުންވެފައިވާ މުހިންމު ފަރުވާއެއް


އިން ވިޓްރޯ ފާޓިލައިޒޭޝަން، އައި.ވީ.އެފް އަކީ ދަރިން ނުލިބޭ މީހުން ނުވަތަ ދަރިމައިވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އާންމުކޮށް ހޯދައި އުޅޭ ފަރުވާއެކެވެ. މި ކުޑަ ކުޑަ ރާއްޖޭގައި ވެސް މިފަރުވާ ހޯދާ މީހުން މަދެއް ނޫނެވެ.

ދަރިން ނުލިބުމުގެ މައްސަލަ ދިމާވަނީ ހަމަ އެކަނި އަންހެނުނަށް އެކަންޔެއް ނޫނެއެވެ. މިއީ ފިރިހެނުންވެސް ތަޙައްމަލު ކުރަމުންދާ މައްސަލައެކެވެ. ރާއްޖޭގައި މި މައްސަލަ ދިމާވެފައިވާ އެތަކެއް އާއިލާއެއް ތިބިއިރު ކޮންމެ ބައެއްގެވެސް އެންމެ ފަހު އުންމީދަކީ އައި.ވީ.އެފް ހެދުމެއެވެ.

އައި.ވީ.އެފް ފަރުވާއަކީ އަންހެން މީހާގެ ބިހާއި ފިރިހެން މީހާގެ ދަރިފަނި ލެބްރޯޓްރީއެއްގައި އެއްކޮށްގެން، ދަރިމައިކުރުމަށްފަހު އަންހެން މީހާގެ ރަހިމުގައި އެ ދަރިފުޅު އަށަގެންނަވައިގެން ދެވޭ ފަރުވާއެކެވެ. އައި.ވީ.އެފްއަށް އާންމުކޮށް ދަނީ ދަރިމައިވުމުގައި އަންހެން މީހާގެ ހަށިގަނޑުގައި މައްސަލައެއް އުޅޭ ހާލަތްތަކުގައެވެ. އައިސީއެސްއައިއަށް އާންމުކޮށް ދަނީ، ފިރިހެން މީހާގެ ފަރާތުން މައްސަލައެއް ފާހަގަވާނަމައެވެ. ރާއްޖޭގައި މިހާތަނަށް މި ޚިދުމަތް ލިބެން ނެތުމުން، މި ފަރުވާ ހޯދުމަށް ބޮޑެތި ޚަރަދުތަކެއްކޮށްގެން ދާންޖެހެނީ ރާއްޖޭން ބޭރަށެވެ.

އެހެންނަމަވެސް ރާއްޖޭގައި މި ޚިދުމަތް ފެށުމަށް ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިކަމަށް ބޭނުންޖެހިފައި އޮތް މިންވަރު، މިކަމަށް ސްކްރީން ޓެސްޓްކުރުމަށް އެ ހޮސްޕިޓަލުން ހުޅުވާލުމުންވެސް ހާމަވެގެންދިޔައެވެ. އައި.ވީ.އެފް ސްކްރީން ޓެސްޓް ހެދުމަށް 250 އެއްހާ މީހުން ވަނީ ރަޖިސްޓްރީ ވެފައެވެ.

މި އަދަދު މިހެން ހުރިއިރު ރާއްޖޭގައި މި މައްސަލަ އޮތް މިންވަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތެއެވެ. އައިވީއެފް ހެދުމަށްޓަކައި ރާއްޖެއިން ކޮންމެ އަހަރަކުވެސް އެތަކެއް ބަޔަކު ރާއްޖެއިން ބޭރަށް ގޮސް ފަރުވާހޯދައެވެ. ބޮޑު ޚަރަދުކޮށްގެން ކޮންމެ ބަޔަކުވެސް ފަރުވާއަށް ފުރަނީ ފޮނި އުންމީދުތަކާއެކުގައެވެ. ނަމަވެސް ފަރުވާ ކާމިޔާބު ވަނީ މަދުބަޔަކަށެވެ. މާޔޫސްކަމާއެކު އެންބުރި ރާއްޖެ އަންނަ މީހުންވެސް މަދެއް ނޫނެއެވެ.

އައި.ވީ.އެފް ފަރުވާއަކީ ރިސްކް ބޮޑު އަދި މި ފަރުވާ ހޯދުމުގައި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ފަރުވާ އެކެވެ. އޭގެ ތެރޭގައި ކެންސަރުން ޖެހުން ވެސް ހިމެނެއެވެ. އަދި މިސްކެރިއޭޖް ނުވަތަ ދަރި ބައިގެން ދިޔުމާއި، އުފަންވާ ކުއްޖާގެ ބަރުދަން އާދަޔާ ޚިލާފަށް ލުއިވުންވެސް ހިމެނޭކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ އެހާމެ ޚަރަދުވެސް ހިނގާނެ ފަރުވާއެކެވެ. މި ފަރުވާ ފުރަތަމަ ފަހަރުން ކާމިޔާބުވާ މީހުންނާއި، އަދި އެތަށް ފަހަރެއްގެ ފަރުވާއިން ކާމިޔާބުވާ މީހުން ވެސް އުޅެއެވެ.

މިއިން ކޮންމެ މީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެއިން މި ފަރުވާ ނުލިބުމެއެވެ. ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ހޮސްޕިޓަލްތަކުން މި ފަރުވާ ފެށުމަށްޓަކައި އަންނަނީ ތައްޔާރުވަމުންނެއެވެ. ސަބަބަކީ އައި.ވީ.އެފް ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުން ނިމުމަކަށް ގެނައުމެއެވެ.

އެގޮތުން ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް ޚާއްސަކޮށްގެން އައިވީއެފް ފަންޑެއް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން މިދިޔަ އަހަރު ވަނީ އިފްތިތާހްކޮށްފައެވެ. މި ފަންޑުން ކޮންމެ އަހަރަކު ވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ބުނެއެވެ.