ޚަބަރު

އަރބަން އައިލްސްގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކުގެ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް


ޔޫރަޕްގެ ޤައުމެއްކަމަށްވާ މޮންޓެނީގްރޯގައި ކުރިއަށްދިޔަ ޓޫރިޒަމް ޑެސްޓިނޭޝަން ކޮންފަރެންސްގައި، ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓް "އަރބަން އައިލްސް"ގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދީފިއެވެ.

ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސްގެ ނަމުގައި މޮންޓެގްރޯގެ ބުޑްވާގައި ބޭއްވި، އިންޓަނޭޝަނަލް ޓުއަރިޒަމް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި ރާއްޖޭގެ ބައެއް ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 11 އިން 12 ވަނަ ދުވަހަށް ބޭއްވި މި ކޮންފަރެންސްގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުސަތުތަކަކާއި ބެހޭގޮތުން ވަނީ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް ބާއްވާފައެވެ.

މި ސެޝަންގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒް ވަނީ އަރބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އަރބަން އައިލް ޕްރޮޖެކްޓްގައި ހުރި އިންވެސްޓްމަންޓްތަކާބެހޭ މައުލޫމާތު ޙިއްސާކޮށްފައެވެ.

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލްސްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި އާބަން އައިލްސް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެއެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްވާ ފަތުރުވެރިންނަށާއި، ވިޔަފާރި ބޭނުންތަކުގައި އަންނަ ފަރާތްތަކަށާއި ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ އެކޮމޮޑެޝަންތައް ހިމެނެއެވެ.

އޭގެތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލްއާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައްވެސް ހިމެނެއެވެ.

އެޗްޑީސީން ބުނީ އާބަން އައިލްސްގައި ހުރި ފުރުސަތުތައް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓުކުރަން ރަނގަޅު ފުރުސަތަކަށްކަމަށެވެ. ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައިވުމުގެ އިތުރުން، އެތަނުގައި ގާއިމުކުރަމުންދާ އިންފްރާސްޓްރަކްޗަރގެ ސަބަބުން އިންވެސްޓްކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެއެވެ.

މި ޕްރޮޖެކްޓަކީ ވަރަށް ބޮޑަށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ޕްލޭންކުރެވިގެން ކުރިއަށްދާ މަސައްކަތެއްކަމަށް އެޗްޑީސީން ބުނެއެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް އެޗްޑީސީން ވަނީ ރާވާފައެވެ.