ޚަބަރު

ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހާ މުޢައްސަސާއެއް ގުޅިގެން: ނަސީމް


ރާއްޖޭގައި ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރެއްވުމަށް ހެލްތު މިނިސްޓްރީއަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ހުރިހާ މުޢައްސަސާއަކުން ގުޅިގެން މަސައްކަތްކުރައްވަންޖެހޭކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއް އޮންނަ ޤައުމެއްގައި ފުރިހަމަ ސިއްޙީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ހުރިހާ މުވައްސަސާއެއްގެ އެއްބާރުލެއްވުންވެސް ވަރަށް މުހިއްމުކަމަށެވެ.

ކުވައިތު ފަންޑުގެ ދަށުން ރާއްޖޭގައި ބައެއް ރަށްރަށުގައި ތަރައްޤީކުރައްވާ ހޮސްޕިޓަލްތަކެއްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ، ފުރިހަމަ ސިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގަވާ އިދާރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ މުވައްސަސާއަކުން ގުޅިގެން މަސައްކަތްކުރައްވާނަމަ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ހަރުދަނާ ސިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހަރުދަނާ ދަތުރުފަތުރުގެ ޚިދުމަތަކީވެސް ސިއްޙީ ނިޒާމު ފުރިހަމަކުރުމަށް ރާއްޖެ ފަދަ ޤައުމަކަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށެވެ. އަދި ކުއްލި ފަރުވާގެ ޙާލަތުގައި ޚިދުމަތް ވީއެންމެ އަވަހަކަށް ފޯރުކޮށްދެއްވުމަށް އެއަރޕޯޓުތައް ތަރައްޤީކުރަމުން ދަނީ ސަރުކާރުގެ ފުރިހަމަ ޕްލޭނެއްގެ ދަށުންކަމަށެވެ.

"ސިއްޙީ ޚިދުމަތަކީ ހަމައެކަނި ސިއްޙީ ދާއިރާއިން ކުރާ މަސައްކަތަކުން ދެވޭނެ ޚިދުމަތެއް ނޫން. ދަތުރުފަތުގެ ތެރެއިން ފެރީގެ ޚިދުމަތުން ގުޅާލާ، އެއަރޕޯޓުތައް ތަރައްޤީކުރެވިގެން ޚިދުމަތް ރަނގަޅު ނިޒާމަކުން ދެވޭނެ މަގުފަހިވަނީ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ އެމަގުން." މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ޓަޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރެއްވުމުގެ މައިގަނޑު މަޤްސަދަކީ ޒަމާނުއްސުރެ ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާ ރަށްރަށުން އެ ހިދުމަތް ފޯރުކޮށްދެއްވުންކަމަށެވެ. މިގޮތުން ޓަޝަރީ ހޮސްޕިޓަލް 5 ސަރަޙައްދެއްގައި ޤާއިމުކުރި އިރު އެންމެ ބޮޑު އިސްކަމެއްދިން އެއްކަމަކީ، އަތޮޅު ތެރޭގައި ނެތް މުހިއްމު ޚިދުމަތްތައް ވީހާވެސް ބޮޑަކަށް އަތޮޅުތެރެއަށް ފުޅާކުރުންކަމަށެވެ.

"އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތް ލާމަރުކަޒުކޮށް، ސިއްޙީ ޚިދުމަތް ލިބިގަތުމަށް މާލެއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅުތެރޭގައި 5 ދާއިރާއަކަށް ޚާއްސަ ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރެއްވުމަކީ ސަރުކާރުން ކުރިއަށްގެންދަވާ މުހިއްމު މަސައްކަތެކެވެ. މީގެއިތުރުން ރަށްރަށުގައި ހުރި ސިއްޙީ ފަރުވާ ދޭ ތަންތަނުގެ ފެންވަރު މަތިކޮށް، އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނެސްދެއްވައި، އިތުރު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެއްވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.