ޚަބަރު

ކުވައިތު ފަންޑުގެ އެހީގައި ތަރައްޤީކުރާ 7 ހޮސްޕިޓަލްގެ މަސައްކަތް 2 ކުންފުންޏަކަށް


ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ތަރައްޤީކުރާ 7 ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރައްވައިފިއެވެ.

ކުވެއިތު ފަންޑުންވަނީ 7 ހޮސްޕިޓަލު އެޅުމަށް 186 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދީފައެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މީގެ ކުރިން ހޮސްޕިޓަލު ނެތް ބައެއް ރަށްރަށުގައިވެސް ސަރުކާރުން ވަނީ ހޮސްޕިޓަލު އެޅުމަށް ނިންމަވާ އެކަން އިޢުލާންކުރައްވާފައެވެ. އެގޮތުން "ދަ ކުވެއިތް ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައި ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ނިންމާ އެމަސައްކަތް މިހާރުވަނީ ކޮންޓްރެކްޓަރުންނާއި ޙަވާލުކުރައްވާފައެވެ

މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިވަނީ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައިވަނީ، ހދ.ހަނިމާދޫއާއި، ށ.މިލަންދޫއާއި، ނ.ވެލިދޫއާއި، ކ.ތުލުސްދޫއާއި، އދ.މާމިގިލީއާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުށީގެ ހޮސްޕިޓަލުގެ މަސައްކަތެވެ. މިއިން ކޮންމެ ރަށެއްގައިވެސް ތަރައްޤީކުރަން ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

ށ.މިލަންދޫއާއި، ނ.ވެލިދޫއާއި، ކ.ތުލުސްދޫގެ ހޮސްޕިޓަލް މަސައްކަތް ޙަވާލުކޮށްފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ހދ.ހަނިމާދޫއާއި، ވ.ފެލިދޫއާއި، ތ.ވިލުފުށީގެ އިތުރުން އދ.މާމިގިލީގެ ހޮސްޕިޓަލްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ، މިހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އެކުގައިކަމަށެވެ. އަދި ޚިދުމަތްވީހާވެސް ބޮޑަށް ލުއިފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާފަދައިން މިހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތައްވެސް ތަރައްޤީކުރަން ދުރާލާ އިސްކަން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހޮސްޕިޓަލްތައް އަޅުގަނޑުމެން ތަރައްޤީކުރާނީ، ކޯވިޑް ފަދަ ޕެންޑެމިކްތަކުގެ ޙާލަތުގައި ހޮސްޕިޓަލްގެ ޢާންމު އޮޕަރޭޝަނަށް ބުރުނާރާނެހެން، ފްލޫ ކްލިނިކާއި، އައިސޮލިޝޭޝަން ފެސިލިޓީ ހިމެނޭގޮތަށް." މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވިއެވެ.

އެންމެ ޒަމާނީ ވަޞީލަތްތަކާއެކު މި 7 ރަށުގައި ހޮސްޕިޓަލު ތަރައްޤީކުރަނީ ތިމާވެއްޓާއި ރައްޓެހި ޙަކަތަ ބޭޏުންކުރާގޮތަށެވެ. އެގޮތުން ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެހެން ކޮންމެ ހޮސްޕިޓަލެއްގައިވެސް 150 ކިލޯވޮޓްގެ ސޯލާޕީވީ ނިޒާމު ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މިހުރިހާ ހޮސްޕިޓަލެއްގެ ހުރިހާ އެނދަކަށްވެސް ޕައިޕްޑް އޮކްސިޖަނާއި، މެޑިކަލް އެއަރ އަދި ސަކްޝަންގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ އޮކްސިޖަން ފުޅި ސަޕްލައިކުރުމަށް ހޮސްޕިޓަލްތަކުގައި އޮކްސިޖަން ޕްލާންޓްތައް ޤާއިމްކުރުމަށްވެސް ހަމަޖެހިފައެވެ.

މި ހުރިހާ ހޮސްޕިޓަލްތަކެއްގެ މަސައްކަތްވެސް ދޮޅު އަހަރުތެރޭގައި ތެރޭގައި ނިންމައި ސަރުކާރާއި ޙަވާލުކުރުމަށްވަނީ ކަނޑައަޅުއްވާފައެވެ.