ޚަބަރު

މާލޭގެ މަގުތަށް ބަލަހައްޓަން މަގުފާރަވެރިން މަގުތަކަށް


މާލެއަކީ ހިތްފަސޭހަ ރައްކާތެރިތަނެއްކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ ސިޓީ ކައުންސިލުން މާލޭގައި "ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް"އެއް އުފައްދައި މަގުފާރަވެރިން މަގުތަކަށް ނެރެފިއެވެ.

މާލެ ސިޓީ ކައުންސިލުން ތަޢާރަފްކޮށްފައިވާ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓަކީ މާލޭގެ މަގުތައް ބެލެހެއްޓުންކަމުގައި އެންމެ ގާތުން ޙަރަކާތްތެރިވާނެ މީހުންކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިވާނެހެން މަގުތަކުގައި ހުރި ކަންތައްތަކާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަދައްކައިގެން ޙައްލުކުރުމަކީ، މިޔުނިޓުގެ ޒިންމާއެއްކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މަގު ބެލެހެއްޓުމުގައި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގައި 78 މުވައްޒަފުން ޙަރަކާތްތެރިވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މާލެ 8 ޒޯނަކަށް ބަހާލައިގެން މިޔުނިޓުން މާލެތެރެ ބަލަހައްޓަމުންދާނެކަމަށް އެކައުންސިލުން ވިދާޅުވެއެވެ.

މާލެއަށް މިހާރުވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި މަގުތަކަށް ޤަވާއިދާ ޚިލާފަށް ކުނި އެޅުމާއި، ވެހިކަލް ޕާކުކުރުމަށް ހުއްދަ ދީފައިވާ ސަރަޙައްދުތަކުގައި ޕެލެޓު ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން މާލޭއަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލައަށް ޙައްލެއް ގެނައުމާއި، ޓްރެފިކްގެ ބާރު ބޮޑުވާ ގަޑިތަކުގައި އެކަމަށް ޙައްލެއް ގެނައުމަށް މި ޔުނިޓުން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންގިނަ ބައެއްގެ ޝަކުވާއާއި ގުޅިފައިވާ، މާލޭގެ އެކި ޢިމާރާތްތަކުން މަގުތަކަށް ފެން ފޭބުމުގެ މައްސަލައާއި، މާލޭގެ މަގުތަކުގައިވާ ޕޭމަންޓުމަތީގައި ވިޔަފާރިތަކުން އަދި ޢާއްމުން ގަވާއިދާ ޚިލާފަށް ބަހައްޓާތަކެތީގެ މައްސަލަ ޙައްލުކުރުމަކީވެސް މިޔުނިޓުގެ ޒިންމާއެކެވެ.

މިމަސައްކަތް އިތުރަށް ފުޅާކުރުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މާލެއަކީ އަމާން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި "ޗާލު މާލެ ސިޓީ" މިޝިޢާރުގެ ދަށުން މާލެ ސިޓީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.