ޚަބަރު

ސަލާމަތާބެހޭ ދުނިޔޭގެ އެންމެބޮޑު މަހާސިންތާއަށް، މިނިސްޓަރ ޝާހިދު ޖަޕާނަށް


ސުލްޙައާއި ސަލާމަތާ ބެހޭ ދުނިޔޭގެ އެންމެ ބޮޑު މަހާސިންތާ ކަމުގައިވާ މިއުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖަޕާންގެ ޓޮކްޔޯއަށް ވަޑައިގެންފިއެވެ. މިއީ މިމަހުގެ 16އާއި ހަމައަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ޓޯކްޔޯގައި ކުރިއަށްދާ މިއުނިކް ލީޑަރސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންވަނާނެ ކަމަށެވެ. އަދި އެ ބައްދަލުވުމަށް ވަޑައިގަންނަވާ އެކި ޤައުމުތަކުގެ މިނިސްޓަރުންނާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާލުވީ، މިއުނިކް ލީޑާސް ބައްދަލުވުމޔގައި ބައިވެރިވުމަށް ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި އެޤައުމުގެ ޖަޕާންގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާއާއި ބައްދަލުކުރައްވާ، ދެ ޤައުމު ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.

1963 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު ބާއްވާ މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ، ދުނިޔޭގެ ސުލްޙަމަސަލަސް ކަމަށް އޮތް ހުރަސްތަކާއި ނުރައްކާތަކާ މެދު މަޝްވަރާކޮށް، އެ ކަންކަން ހައްލުކުރަން މަސައްކަތް ކުރުމެވެ.

ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމުން ބައިވެރިވާ މި ބައްދަލުވުމުގައި، އެކި ޤައުމުތަކުގެ މިނިސްޓަރުންނާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ބޮޑެތި ކުންފުނިތަކުގެ ވެރިންގެ އިތުރުން ނޫސްވެރިންވެސް ބައިވެރިވާނެއެވެ. މި ބައްދަލުވުމުގައި ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި، އެކަންކަން ތަންފީޒްކުރުމަށް ދިމާވާ ގޮންޖެހުންތަކަށް މަޝްވަރާކުރައްވާނެއެވެ.

މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާއިރު، އެމަނިކުފާނުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.