ޚަބަރު

ރާއްޖެއާ ދުރުން ދެކުނުގައި ތޫފާނެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ: މެޓު


ރާއްޖެއާއި ދުރުން ދެކުނުގައި އުފެދިފައިވާ "ފެބިއެން" ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ މުސުން ގޮސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެން ނޫންކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގުމޫސުމުގެ ވިއްސާރަކަމަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، މީގެ ހަތަރު ދުވަސްކުރިން ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާނު "މޮކާ"ގެ ބާރުވެސް ދަށްވެ، ރާއްޖެއާއި ދުރަށް ދަތުރުކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ތޫފާނުގެ އަސަރުވެސް ރާއްޖެއަށް ކުރަމުން ނުދާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.

މިދުވަސްވަރު ރާއްޖޭއަށް ކުރަމުން ދާ ވިއްސާރައާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ. ވައިޓް އެލަރޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މި އެލަރޓް ނެރެފައިވަނީ މިރޭގެ ދަންވަރު 01:00އާއި ހަމައަށެވެ. މި ގަޑިތަކުގައި އެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އާއްމުގޮތެއްގައި 08 މޭލާ 23 މޭލާ ދެމެދުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

އަދި ވިލާގަނޑުގައި ކަނޑުތައްވެސް ގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.