ޚަބަރު

އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަންދޭ މަރުކަޒު ޖުލައިމަހު ހުޅުވަނީ


އިޖުތިމާޢީ ރައްކާތެރިކަން ދެއްވަން ސަރުކާރުން ޤާއިމްކުރައްވާ މަރުކަޒުގެ ޚިދުމަތް އަންނަ ޖުލައިމަހު ފްށްޓަވަން ތައްޔާރުވެވަޑައިގަންނަވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ރައްކާތެރިކަން ދެއްވުމަށް ޚާއްޞަ މަރުކަޒެއް އުފެއްދެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އިޢުލާންކުރެއްވީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.

ވިލިމާލެގައި ޤާއިމްކުރައްވާ އިޖުތިމާޢީ މަރުކަޒަކީ އިޖްތިމާޢި ގޮތުން ދިމާވާ އެކި މައްސަލަތަކަށް ފަރުވާދެއްވުމަށާއި ނަފްސާނީ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް ފަރުވާ ދެއްވަން ޚާއްޞަކުރައްވާ މަރުކަޒެކެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ވެސް އެ މަރުކަޒުން ފޯރުކޮށްދެއްވާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުފިޝާން ޢަބްދުﷲ ވިދާޅުވީ ކުރިން ކުޑަކުދިންގެ ހިޔާ ހިންގެވި އިމާރާތް، އިޖްތިމާޢޫ ރައްކައުތެރުކަމުގެ މަރުކަޒު ޤާއިމްކުރެއްވުމަށްޓަކައި، މަރާމަތު ކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ފަށްޓަވައިފައިވާ ކަމަށެވެ. އަދި މިހާރު މަރާމާތުކުރެއްވުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި އަންނަ ޖުލައިމަހު އެތަނުގެ މަސައްކަތް ނިންމަވައި، ހިދުމަތް ފަށްޓަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒައުފިޝާން ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތްކަމަށެެވެ،

"މި އިޖްތިމާޢީ މަރުކަޒުން ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ފަރުވާ ދިނުމަށްފަހު އާއިލާއިން ހަވާލުނުވާ މީހުންނަށް އެތަނުން ވަޒީފާ ލިބިގެންދާނެ. އަދި އިތުރ ފަރުވާ ދޭންޖެހިއްޖެ ނަމަ އެތަނުން ފަރުވާވެސް ލިބޭ. މިހާރު ތައްޔާރު ކުރާ އެސްއޯޕީތަކުގައި އެފަދަ މީހުންނަށް ފަރުވާދޭނެ މުއްދަތު ކަނޑައެޅިގެންދާނެ. އަޅުގަނޑުމްނެ އެމީހުން ތައްޔާރުކުރާނަނަށް މުޖުތަމަޢުއަށް ނުކުމެ އަމިއްލައަށް އުޅެވޭވަރަށް." ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޒައުފިޝާން ޢަބްދުﷲ ވިދާޅުވިއެވެ.

ވިލިނގިލީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުން ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެއްވުމާ ގުޅޭ މައުލޫމާތުދެއްވައި ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ހިންގަވާނެއެވެ. މީގެއިތުރުން އަތޮޅުތަކުގައި ޤާއިމުކުރައްވައިފައިވާ "އަމާން ވެށި" ތަކާއި "އަމާން ހިޔާ" ތަކުގައި ބަލަހައްޓާ ކުދިންގެ ތެރެއިން އެކި ބޭނުންތަކަށް މާލެ ގެންނަ ކުދިން ވަގުތީގޮތުން ބެލެހެއްޓުމާއި، ޚާއްސޞަ އެހީއަށް ބޭނުންވާ މީހުންނަށް ކޮމިއުނިޓީ ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގެވުންވެސް މި މަރުކަޒުގައި ކުރިއަށް ގެންދަވާނެއެވެެ.