ޚަބަރު

ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައިސީސީޔޫގެ ޚިދުމަތް ފަށްޓަވައިފި


ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އައިސީސީޔޫގެ ޚިދުމަތް ފަށްޓަވައިފިއެވެ.

ކުޅުދުއްފުށީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ފެސިލިޓީ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިއާމްއެވެ. މި ރަސްމިއްޔާތުގައި ވަނީ ހޮސްޕިޓަލްގެ އައިސީސީޔޫ ޕްރޮޓޮކޯލްވެސް އިފްތިތާޙުކުރައްވައިފައެވެ.

އައިސީސީޔޫގެ ޚިދުމަތް ބަދަލުކުރައްވައިފައިވަނީ، ކުޅުދުއްފުށީ ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރެއްވި 3 ފަންގިފިލާގެ "ކާނި ވިންގް" އިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށެވެ. މިތަނަކީ 6 އެނދުގެ އައިސީސީޔޫއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިހާތަނަށް ޚިދުމަތް ދެއްވަމުން ގެންދަވައިފައިވަނީ 3 އެނދުގެ އައިސީޔޫއެއްގައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ ސީއީއޯ އަޙުމަދު ދާއޫދު ވިދާޅުވީ، މިހާތަނަށްވެސް ހޮސްޕިޓަލްގައި ކުއްލި ފަރުވާގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދެވީ ވަރަށް ދަތިކޮށްކަމަށެވެ. އޭނާ ވިދާޅުވީ އެނދުގެ އަދަދު މަދުވުމާއި ޖާގައިގެ ދަތިިކަމުގެ ސަބަބުން، ކޮރިޑޯގައި އެނދު ޖަހައިގެންވެސް ޚިދުމަތް ފޯރުކޮށްދެއްވައިފައިވާ ކަމަށެވެ.

ދާއޫދު ވިދާޅުވީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ޞިއްޙީ ކުއްލި ޙާލަތްތަކުގައި، އަބަދުވެސް އައިސީޔޫގައި ތިންވަރަކަށް މީހުންނަށް ފަރުވާ ދޭންޖެހޭކަމަށެވެ. އަދި ވެންޓިލޭޓަރުގެ ޚިދުމަތް ހޯދާމީހުންވެސް ތިބޭކަމަށެވެ.

ނަމަވެސް އަލަށް ތަރައްޤީކުރެއްވި އައިސީސީޔޫއަކީ، ޚިދުމަތް ހޯދާ މީހުންނާއި، އަދި ހޮސްޕިޓަލްގައި ޚިދުމަތް ދޭން ތިބޭ ފަރާތްތަކަށްވެސް އެންމެ އެކަށީގެންވާ ގޮތަށް ޖާގަ ތަނަވަސްކޮށް، އަދި އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރައްވައިފައިވާ ފެސިލިޓީއެއްކަމަށް ދާއޫދު ވިދާޅުވިއެވެ.

"ކުރިން މުވައްޒަފުންނަށް ވަރަށް ދަތި. ޚިދުމަތް ހޯދާ އެނދުތައްވެސް ހުރީ އެކުއެކީގައި ބެހެއްޓިފައި. ވެއިޓިން އޭރިއާގައިވެސް ޖާގަ ނެތް. ނަމަވެސް މިހާރު އެނދުތައް ވަކިކޮށް، ޑައިލަސިސް ދޭންޖެހޭ ހާލަތެއް ނަމަ ދެވޭގޮތަށް، އަދި އައިސޮލޭޓް ކުރަންޖެހިއްޖެއްޔާ އެކަންވެސް ކުރެވޭގޮތަށް އައިސީޔޫ ހުރީ. އަދި ޑޮކްޓަރުންނަށް އަދި ނަރުހުންނަށްވެސް ޚާއްސަ އޭރިއާ ހެދިފައި." ދާޢޫދު ވިދާޅުވިއެވެ.

އައިސީސީޔޫގެ ޚިދުމަތް ފެށްޓެވުމަށް، އައިސީސީޔޫއަށް ޚާއްޞަ ޓީމެއްވެސް ހޮސްޕިޓަލްގައި ވަނީ އެކުލަވާލައްވައިފައެވެ.

މިޕްރޮޖެކްޓަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ 3 ބުރީގެ އައު އިމާރާތާއެކު 36 އެނދުގެ ޖާގަ ހޮސްޕިޓަލަށް ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ތިރީ ފަންގިފިލާ ބޭނުންކުރަނީ، 15 އެނދުގެ ކުޑަކުދިންގެ ވޯޑެއްގެ ގޮތުގައެވެ. ދެވަނަ ފަންގިފިލާގައި 15 އެނދުގެ މެޑިކަލް ވޯޑްގެ އިތުރުން އެންމެ މަތީ ފަންގިފިލާގައި 6 އެނދުގެ އައިސީސީޔޫއެވެ.

ހއ، ހދ އަދި ށ އަތޮޅު ހިމެނޭހެން 72000 އަށްވުރެ ގިނަ މީހުންގެ ބޮޑު އާބާދީއެއް ބަރޯސާވާ އުތުރުގެ މައި ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.