ޚަބަރު

7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް ކާމިޔާބުކަމާއެކު ނިންމާލައިފި


އޭޝިއަން ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫއާއި ޕީއެސްއެމް ގުޅިގެން ރާއްޖޭގައި ބޭއްވި 7 ވަނަ އޭބީޔޫ، މީޑިއާ ސަމިޓް ނިންމާލައިފިއެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދިޔަ މިއަހަރުގެ ސަމިޓްގެ މައުޟޫއަކީ "އަތޮޅުތަކުން އެންމެ އުސް ފަރުބަދަތަކާއި ހަނަފަސް ބިންތަކަށް: މޫސުމީ ބަދަލުތަކުގެ ވާހަކަ ޙިއްސާކުރުން"މިއެވެ.

އޭބީޔޫ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި 40 އަށްވުރެ ގިނަ ޤައުމުން 152 މަންދޫބަކު ބައިވެރިވިއެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނެއެވެ. މި ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ މީޑިއާތަކުގައި އިސްކޮށް ހަރަކާތްރެތިވާ ފަރާތްތަކާއި މޫސުމީ މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މަޝްވަރާތައް ބާއްވާފައިވެއެވެ.

މި ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ މި ސަމިޓް ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައިކަމަށެވެ. އަދި މި ސަމިޓްގެ ބައިވެރިން މަޝްވަރާތަކުގައި ދެއްވި އެއްބާރުލުމަށްވެސް އަލީ ޚާލިދު ޝުކުރު އަދާކުރެއްވިއެވެ.

އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަދީމް ވަނީ މިއީ މި ވޭތުވެދިޔަ 10 އަހަރު ތެރޭގައި ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ ސަމިޓްގެ ގޮތުގައި ސިފަކުރައްވާ ޕީއެސްއެމަށް ތައުރީފުކުރައްވާފައެވެ. މީގެ އިތުރުން، މި ސަމިޓްގެ ތެރެއިން މުހިއްމު ގިނަ މަޝްވަރާތަކެއްވެސް ކުރެވިގެންދިޔަކަން ނަދީމް ފާހަގަކުރެއްވިއެވެ.

މި ސަމިޓްގެ ބައިވެރިން ފާހަގަކުރި ގޮތުގައި މި ސަމިޓަކީ މުހިއްމު މަޝްވަރާތަކެއްކޮށް، ދާއިރާގެ އެކި މީހުންނާ އެކީ ގުޅުން ބަދަލުކުރަން ލިބުނު މުހިއްމު ފުރުސަތެކެވެ. އަދި މި ސަމިޓްގެ ތެރެއިން މޫސުމީ މައްސަލަތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމާތްވުމަށް ކުރެވިދާނެ މުހިއްމު ކަންތަކެއް ދަސްވެގެން ދިޔަކަމަށް ބުންޏެވެ. މީގެ އިތުރުން، މޫސުމީ މައްސަލަތަކުގައި ޕަބްލިކް ބްރޯޑްކާސްޓަރުންގެ ދައުރާއި ގުޅޭގޮތުންނާއި ކުއްލި ހާލަތެއް ދިމާވުމުން އެކި ޤައުމުތަކުން މަސައްކަތްކުރާ ތަފާތު ގޮތްތައް ހާމަވެގެން ދިޔަކަމަށްވެސް ބައިވެރިން ފާހަގަކުރިއެވެ.

އޭބީޔޫ އުފެދުނީ 1964 ވަނަ އަހަރު އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގައި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އޭބީޔޫއަކީ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓަރުންގެ އިތުރުން ސިނާއަތުގެ މުހިންމު ފަރާތްތަކުގެ މަސްލަހަތު ކުރިއެރުވުމާއި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މީޑިއާތައް ކުރިއެރުވުމަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެކެވެ.

އޭބީޔޫގެ މެންބަރު ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ޗައިނާ، ޖަޕާން، ސައުތު ކޮރެއާ ހިމެނޭހެން 70 އަށްވުރެ ގިނަ ގައުމު ހިމެނެއެވެ.

އޭބީޔޫ މީޑިއާ ސަމިޓް ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖަކާޓާގައެވެ. އޭގެފަހުން 2016 ވަނަ އަހަރު ތައިލެންޑުގެ ކްރާބީގައި، 2017 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާ، 2018 ވަނަ އަހަރު ފިޖީގައި، 2019 ވަނަ އަހަރު ނޭޕާލްގެ ކަތްމަންޑޫގައި މި ސަމިޓް ބާއްވާފައިވެއެވެ. 2020 ވަނަ އަހަރު ކޯވިޑުގެ ސަބަބުން ސަމިޓް ބާއްވާފައިނުވިނަމަވެސް 2021 ވަނަ އަހަރު މި ސަމިޓް ވަނީ އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައެވެ.