ޚަބަރު

އޭދަފުށިން ގޯތި ދޫކުރަން އަލުން ހުޅުވާލަނީ


ބ.އޭދަފުށިން ގޯތި ދޫކުރަން އަލުން ހުޅުވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. ގޯތި ދޫކުރަން އަލުން ހުޅުވާލަން ނިންމީ ކުރިން ގޯތި ދިނުމަށް އެކުލަވާލާފައި އޮތް އުސޫލުގައި މައްސަލަތަކެއް ހުރުމުން އެއުސޫލާ އެއްގޮތަށް ގޯތި ދޫކުރުމުގެ ކަންތައް ކުރިއަށް ދިއުމަށްދަތިތަކާ ކުރިމަތިވާތީ ކަމަށް ކައުންސިލުން ބުނެއެވެ. އަލުން ގޯތި ދޫކުރަން ހުޅުވާލަން ނިންމީ ކުރިން ހުށައެޅި ފޯމުތައް ބާޠިލު ކުރުމަށްފަހުއެވެ.

ބ.އޭދަފުށިން ގޯތި ދޫކުރަން ފުރަތަމަ ހުޅުވާލީ އެރަށުން ގޯތި ދޫނުކުރާތާ ތިރީހަށް ވުރެގިނަ އަހަރު ވެފައި ވަނިކޮށެވެ. އޭދަފުށީގައި އިންތިހާއަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާދެއްވުމަށް ސަރުކާރުން ކައުންސިލާއެކު މަސައްކަތް ފެއްޓެވީ 2019 ވަނަ އަހަރުގެތެރޭގައެވެ. އެގޮތުން އެރަށުންް 158 ގޯތި ދޫކުރުމަށް ހުޅުވާލީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މި ބުރުގައި ގޯއްޗަށް އެދި 662 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ. މިމަސައްކަތް ހުއްޓުމަކަށް އައީ ފޯމުތައް ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ހިސާބުންނެވެ. ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި އުސޫލާ ޚިލާފަށް ޕޮއިންޓް ދީފައިވާކަމަށް ބުނެ ދެފަރާތަކުން އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ދެ މައްސަލައެއް ހުށައެޅިއެވެ. މި މައްސަލަތައް މިހާރު ނިމިފައިވާއިރު ފުރަތަމަ މައްސަލަ ކޯޓުން ނިންމާފައިވަނީ ބ.އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން އެކައުންސިލުން ކޮށްފައިވަނީ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 13ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައަޅައެވެ.

ދެވަނަ މައްސަލަ ނިންމާފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ބ) އާ ހިލާފަށް ކަމަށް ކަނޑައަޅައެވެ. އަދި މި މައްސަލަ ނިންމިތާ 10 ދުވަސްތެރޭގައި އެބައިން އުނިކޮށްފައިވާ 30 ޕޮއިންޓް އަނބުރާ ދިނުމަށް އޭދަފުށީ ކައުންސިލުގެ މައްޗައް އެރަށު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި މިމައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި ކަމަކަށްވާތީ ގޯތި ދިނުމުގެ ކަންކަން މަޑު ޖައްސާލުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ.

އަލުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިހާރު އޮތް އުސޫލާއެއްގޮތަށް ކުރިއަށްދާނަމަ ގޯތިދިނުމުގެ ކަންކަން ލަސްވާނެތީ ކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

"ވިލަރެސް ކުރާ ކޮމިޓީއާއި މަޝްވަރާކޮށް އެކޮމިޓީންވެސް ވަނީ ނިންމާފައި މިހާރު އޮތް އުސޫލު ބާތިލުކޮށް އަލުން އިއުލާން ކުރުމަށް، އެހެންވެ ކައުންސިލުގެ އާންމު ޖަލްސާއަކަަށް މައްސަލަ ހުށައަޅައިގެން މިގޮތަށް ނިންމީ" އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

3600 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށިން މީގެ ކުރިން ވަނީ 659 ގޯތި ދޫކޮށްފައެވެ. އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތައް ޢާއިލާއެއް އޭދަފުށީގައި ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 26 ހެކްޓަރުގެ ބިން އެރަށުން ހިއްކާފައެވެ.

އޭދަފުއްޓަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދެއްވުމުގެ ގޮތުން އެރަށުގައި ހައުސިން މަޝްރޫޢެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.