ޚަބަރު

ކޮންމެ ކުއްޖަކީވެސް ހުނަރެއް ދަސްވެފައިވާ ކުއްޖަކަށް ހަދަންޖެހޭ: ނާއިބު ރައީސް


ޒަމާނަށްއައި ބަދަލާއެކު ގޭމު ކުޅުމާއި، އިންޓަރނެޓާއި، ޓީވީ ބެލުމުގައި ކުދިންގެ ގިނަ ވަގުތު ހޭދަކުރުމަކީ ކަންބޮޑުވާކަމެއްކަމަށާއި، އޭގެ ބަދަލުގައި ކުދިންނަށް ހުނަރު ދަސްކޮށްދީ ހަރުދަނާ ބަޔަކަށް ހެދުމަށް އިސްކަންދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން "ކުޑަކުދިންނާއެކު ނާއިބު ރައީސް" މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވަނީ ކުޑަކުދިންނާއި ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއާއަޅާބަލާއިރު ޒަމާނަށް ބޮޑެތި ބަދަލުތަކެއް އައިސް، ކުދިންނަށް އޭގެ އަސަރު ކުރަމުންދާކަމަށެވެ. އެގޮތުން ގޭމު ކުޅުމާއި، އިންޓަރނެޓާއި، އަދި ޓީވީ ބެލުމުގައި ގިނަ ވަގުތު ކުދިން ހޭދަކުރުމަކީ ކަންބޮޑުވާކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ކުދިން ކުޑައިރު އެފަދަ ވަޞީލަތްތަކުގައި ގިނަ ވަގުތު ހޭދަކޮށް، ދިރިއުޅުމަށް ބޭނުންވާ ހުނަރު ދަސްނުކުރާ ކަމުގައިވާނަމަ މުސްތަޤުބަލުގައި ކުދިންނަށް އޭގެ ދެރައާއި ކުރިމަތިލާންޖެހުމަކީ ގާތްކަމެއްކަމެއްކަމަށެވެ.

ކޮންމެ ކުއްޖަކީވެސް ދެތިން ހުނަރެއް ދަސްކޮށް އޭގެ ބޭނުންކުރަން ދަންނަ ކުދިންނަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ކުދިން މިހާރު ގިނަވަގުތު ހޭދަކުރަނީ، ގޭމު ކުޅުމާއި، އިންޓަރނެޓާއި، އަދި ޓީވީ ބެލުމުގައި. އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް. އެގޮތަށް ވަގުތުތައް ހޭދަކޮށް ބޮޑުވާ ދުވަހަކުން އޭގެ ޑިސްއެޑްވާންޓޭޖް އޮންނާނެ." ނައިބު ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކުޑަކުދިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ، އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުޑަކުދިންނަކީ ޚާއްސަ އިސްކަމެއް ދެއްވާ ބައެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ، ކުޑަކުދިން ބަލައިގަންނަ ފަދަ މީހަކަށްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި އެކި ކަންކަމުގައި ކޮންމެ ދުވަހަކުވެސް ކުދިންނާއި ބައްދަލުވެ ވަގުތު ހޭދަކޮށްލެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.