ޚަބަރު

ހުވަދޫގައި އާރުޓީއެލް ފަށަން ތައްޔާރުވަނީ، 7 ރޫޓަކަށް 9 ފެރީ ބޭނުންކުރާނެ


ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އެ އަތޮޅުތަކުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށް މަޝްވަރާތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ފަށްޓަވައިފިއެވެ. ސަރުކާރުން ވިދާޅުވީ ހުވަދު އަތޮޅުގައި އަންނަ ޖުލައި މަހު ކުރީކޮޅު އާރްޓީއެލް ފެރީގެ ޚިދުމަތް ފަށްޓަވާނެކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު އެއް މަޝްރޫޢުއެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ވަނީ ޤައުމީ ޤައުމީ ފެރީގެ ނިޒާމުން ގުޅާލާފައެވެ.

ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ރާއްޖޭގެ ދެކުނުން ހުވަދު އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށެވެ. ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮވެއެވެ. ފެރީގެ ޚިދުމަތް ޖުލައި ކުރީކޮޅު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ހުވަދުއަތޮޅުގައި ޤައުމީ ފެރީގެ ނިޒާމްގެ ޚިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ކޫއްޑޫ، ކާޑެއްދޫ އެއަރޕޯޓަށް ޚާއްޞަ ރޫޓު ހިމެނެއެވެ.

ފެރީގެ ޚިދުމަތް ފެށުމަށް ރަށްރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ބައްދަލުކޮށް، ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީގެ ވަނީ ފަށްޓަވާފައެވެ. މިކަމުގައި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެމްޓީސީސީންވެސް ބައިވެއެވެ.

މި ބައްދަލުވުންތަކުގައި އެ ސަރަޙައްދުގެ ރޫޓްތައް ކަނޑައެޅިފައިވާގޮތާއި، ދަތުރުތައް ހަމަޖެއްސުމާއި، ޓަރމިނަލާއި، ފެރީ ސްޓޮޕްތަކުގެ މަސައްކަތް ކުރިއަށްދާނެގޮތުގެ މަޢުލޫމާތުތައް ދަނީ ޙިއްސާކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ ހުވަދޫގައި އާރްޓީއެލް ދަތުރުތައް ފުރަތަމަ ފަށާއިރު 6 ސްޕީޑް ފެރީ ބޭނުންކުރާނެކަމަށެވެ. ނަމަވެސް ޚިދުމަތް ފުރިހަމަވާއިރު ޖުމްލަ 9 ފެރީ ބޭނުންކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ފެރީތައް ބަންނަނީ އަލްޝާލީ މެރިންއާ ހަވާލުކޮށްގެންނެވެ. ފުރަތަމަ ފެރީ ބަނދެ ނިމި، މިދިޔަ މަހު ވަނީ ޓެސްޓުކޮށްފައެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަށް ޢާއްމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ފުރަތަމަ 4 އަތޮޅުގައި މި ޚިދުމަތް ފަށާ އަހަރެއްވިއިރު، 4599 ދަތުރު ވަނީ ބައްވާފައެވެ. އަދި 260،000އަށްވުރެ ގިނަ މީހުން ވަނީ ފެރީގެ ޚިދުމަތް ހޯދާފައެވެ.

ޤައުމީ ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޚިދުމަތުގައި 82 ލޯންޗު ފެރީ ބޭނުންކުރާނެއެވެ. އަދި މި ޚިދުމަތް ދޭ ކޮންމެ ރަށެއްގައި ފެރީ ސްޓޮޕާއި ޓަރމިނަލްތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ޖުމްލަ 180 ފެރީ ސްޓޮޕް ހަދާނެއެވެ.