ޚަބަރު

ހަނިމާދޫ އެއަރޕޯޓްގެ އައު ރަންވޭގެ ތާރު އަޅަން ފަށައިފި، އޯގަސްޓަށް ނިމޭނެ


ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސްރޫޢުގެދަށުން، އެއަރޕޯޓްގެ ރަންވޭގެ ތާރުގެ މަސައްކަތްތައް ފަށައިފިއެވެ.

ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓަކީ، އެއަރޕޯޓަކުން ލިބެންޖެހޭ ޒަމާނީ އަދި ފުރިހަމަ ޚިދުމަތްތަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. ހަނިމާދޫ އެއަރޕޯޓުގެ ނަން 2012ވަަނަ އަހަރު އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރިނަމަވެސް، މިހާތަނަށްވެސް ޚިދުމަތް އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ. ހަފްތާއަކު 1 ދުވަހު، ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއިން ބާއްވާ އިންޑިއާ ދަތުރު ފިޔަވާ، އިތުރު ބައިނަލްއަޤްވާމީ ދަތުރެއް ނުބާއްވައެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، އުތުރުގެ ފަތުރުވެރިކަމަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނެސް، އޭގެ އިޤްތިޞާދީ މަންފާ ސަރަޙައްދުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ފައްޓަވައިދެއްވީ، މިއަހަރުގެ ޖެނުއަރީ 18ވަނަ ދުވަހުއެވެ. މިއީ މާލެއިން ބޭރުގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުއެވެ.

އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރިއައްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައްވެސް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު އެންމެ ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދަނީ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތްތައްކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ، ރަންވޭގެ ތާރު ފަށަލައިގެ ކުރިން އަޅާ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. މިއީ 2.46 ކިލޯމީޓަރުގެ ރަންވޭއެކެވެ.

ރިޒްވީ ވިދާޅުވީ އެއަރޕޯޓްގެ ރަންވޭގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތްތައް އޮގަސްޓްމަހަށް ނިންމާނެކަމަށެވެ.

ރަންވޭއާއި އެކުއެކީގައި އެއަރޕޯޓް ޓަރމިނަލާ ފަޔަރ ބިލްޑިންގްއާއި އަދި އެހެން ފެސިލިޓީތަކުގެ މަސައްކަތްވެސް ދަނީ ކުރިއަށްކަމަށް ރިޒްވީ ވިދާޅުވިއެވެ. ނަމަވެސް އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ ރަންވޭގެ މަސައްކަތްކަން ރިޒްވީ ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ އަހަރަކު 1.3 މިލިއަން ފަސިިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ އެއަރޕޯޓެއްގޮތުގައެވެ. މި މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވޭނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކޮށް ނިމި، ޚިދުމަތްދެވެން ފެށުމުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމުގެ ދޮރު ހުޅުވާލަދޭނެ މަޝްރޫޢެކެވެ. ހަމައެހެންމެ، މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިޤްތިޞާދަށް އާރޯކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މުޅި މި މަޝްރޫޢު 2024 ގައި ނިންމާ، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަނިމާދޫ އިންޓަރނޭޝަންލ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.