ޚަބަރު

ވެލިވަދެ ނެރު ބެދޭ މައްސަލަ ޙައްލުކޮށް، ކިނޮޅަހަށް ޒަމާނީ ބަނދަރެއް


ރ. ކިނޮޅޮހުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ކިނޮޅަހުގެ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢު އަކީ 46.55 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ކިނޮޅޮހުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ، އެރަށުގައި ކުރިން އޮތް ބަނދަރަށް ވެލިވަދެ ނެރު ބެދޭ މައްސަލަ ޙައްލު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. ކިނޮޅަހުގައި ކުރިން އޮތް ބަނދަރަށް ވެލި ވަދެ ނެރު ތިލަވާތީ، ބައެއް ދުވަސްވަރު އެރަށު ރައްޔިތުން ތިބެންޖެހެނީ ރަށު ބަންދުގައެވެ. އަހަރަކު ދެފަހަރު އެރަށު ފަޅުތެރެއަށް ވެލިވަދެ ނެރުމަތި ތިލަވެ، ދިޔަވަރު ހިކޭ ވަގުތުތަކުގައި ބައެއް އުޅަނދުތައް ބީހޭކަމަށް އެރަށު ރައްޔިތުން ބުނެއެވެ. އަދި 2020 ވަނަ އަހަރު އެރަށު ނެރުއެއްކޮށް ބެދި ހަފްތާއެއްހާ ދުވަހު އެރަށު ރައްޔިތުން ރަށުބަންދުގައި ތިބެންޖެހުނެވެ.

އެރަށު ބަނދަރުގެ މި މައްސަލަ ހައްލުކޮށް ޒަމާނީ ތަނަވަސް ބަނދަރެއް ތަރައްޤީކުރުމަށް ނިންމަވާ ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކުރި މަޝްރޫޢުގައި ބަނދަރަށް ކުރިން ވަދެނުކުތުމަށް އޮންނަ ނެރު ބައްދާ އައު ނެރެއް ކެނޑުން ހިމެނެއެވެ. އެމްޓީސީސީން މިހާރު ވަނީ ކިނޮޅަހު ބަނދަރު ތަރައްޤީކޮށް އެއްކޮށް ނިންމާލާފައެވެ.

މިއާއެކު އެ ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް ލިބިފައެވެ. އަދި ބަނދަރާއި އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައި މިހާރު ގްރޮއިންސް ޖަހާ ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް މިހާރު ވަނީ ދާއިމީ ޙައްލެއް ލިބިފައެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް ވަނީ އިތުރުކޮށްފައެވެ. މިއާއެކު އުޅަނދުފަހަރަށް ފަސޭހައިންގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ކިނޮޅަހުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 31،726 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 15،52 މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރިއެވެ. އަދި 1،920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 6،100 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ވަނީ ފުންކޮށްފައެވެ. މީގެ އިތުރަށް 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލައި، 172.30 މީޓަރުގެ ސަރަޙައްދެއްގައި މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ. އަދި 130 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1،884 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބީކަން ހަރުކުރުމާއި، މޫރިންގ ބްލޮކްސް ހަރުކުރުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

600އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކިނޮޅަހުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމާއި، ދަނޑުވެރިކަމެވެ. އެގޮތުން ރަށުގައި ކަންނެލި މަސްވެރިކަން ކުރާ 3 އޮޑި އޮންނައިރު، ކަނޑުމަހުގެ މަސްވެރިކަން ކުރާ އެއް އޮޑި އޮވެއެވެ. ދަނޑުވެރިކަމަށް ބަލާލާއިރު، ކައުންސިލުން ދޫކޮށްފައިވާ 4000 އަކަފޫޓުގެ 62 ބިމުގައި މިހާރުވެސް ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރަމުންދެއެވެ.

އެހެންކަމުން ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީވުމުން، އެރަށުގެ މަސްވެރިންނަށާއި، ދަނޑުވެރިންނަށް އެމީހުން އުފައްދާ ތަކެތި ރަށުން ބޭރުކުރުމަށް ލުއިފަސޭހަވެގެންދާނެއެވެ.