ޚަބަރު

ށ.ނަރުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި


ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްފާއިވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއެވެ.

އާބާދީގައި 700ހާ މީހުން ދިރިއުޅޭ ނަރުދޫއަކީ ދަނޑުވެރިކަން ކުރާ ރަށެކެވެ. ދަނޑުވެރިކަމުން އުފައްދާ ތަކެތި ރަށުން ސަޕްލައި ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލައި ކުރާ ދޯނިތަކަށް ރަށުގެ ކަނޑިންމައިން ނުވަދެވުމުގެ ދަތިކަމެއެވެ.

ނަރުދޫގައި މިހާރު އޮތް ބަނދަރަކީ ދިޔަވަރު ކުޑަ ވެއްޖެނަމަ އުޅަނދު ފަހަރަށް ވަދެ ނުކުތުން ބޮޑު ތަކުލީފަކަށްވެފައިވާ ބަނދަރެކެވެ. ދިޔަ ވަރު ބޮޑުގަޑީގައިވެސް ބަރު މުދާ ހިފައިގެން އަންނަ ދޯނި ފަހަރުތަކާއި މާލެއިން މުދާ ހިފައިގެން ރަށަށް އަންނަ ބޯޓް ފަހަރުތަކަށް ބަނދަރަށް ނުވަދެވި މަޑުކުރަން ޖެހޭ ދުވަސްވެސް މަދެއްނޫނެވެ. ސަބަބަކީ ފަޅުގެ ކަނޑިންމަ ތިލަވުމެވެ.

މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެމްޓީސީސީން ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކުރުމަށްފަހު މިބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށްވަނީ ހަމަޖެހިފައެވެ. އަދި 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިމަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތެވެ.

ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު ވިދާޅުވީ ބަނދަރު ތަރައްގީވެގެން ދިޔުމުން ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެކަމަށެވެ. އަދި ދޯނި ފަހަރުތަކާއި ބޮޑެތި ބޯޓު ފަހަރުތަކުން ފަޅަށް ވަދެ ނިކުތުމަށް އުފުލި ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމަށެވެ.

ނަރުދޫއަކީ ކުދި ދޯނި ފަހަރުތަކާއި ލޯންޗްތަކާއި މާލެ ދަތުރު ކުރާ ބޯޓް ފަހަރު ހުންނަ ރަށެކެވެ. މީގެ އިތުރުން މަހަށް ނިކުންނަ ގިނަ ރަށްތަކެއްގެ ދޯނި ފަހަރުވެސް އެރަށުގައި ބަނދަރުކުރާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރުމުން ބައެއް ދޯނި ފަހަރު ލަފަން އައުމަށްފަހު އަނބުރާލާފައި ދާކަމަށެވެ.

" ހަމަ އެކަނި ނަރުދޫގެ ދޯނިތަކެއް ނޫން މި އޮންނަނީ ބަނދަރުގައި. މަސްވެރިކަމަށް ނިކުންނަ ދޯނި ފަހަރުވެސް އެބައާދޭ. އެއީ އެކި ރަށްރަށުގެ ދޯނި ފަހަރުތައް. ޖާގައިގެ ދަތިކަން ބޮޑުކަމުން އަސްލު ހަގީގަތުގައި ވަރަށް އުނދަގޫވޭ. ރަށުގައި ހިނގާ ބޮޑެތި ޕްރޮޖެކްޓްތަކަށް އަންނަ ބޮޑެތި ބޯޓް ފަހަރުތަކަށްވެސް ވަރަށް އުނދަގޫވޭ " މުސްތަރުސިދު ވިދާޅުވިއެވެ.

ނަރުދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަނީ އެރަށުގެ ރައްޔިތުންނާއި މަޝްވަރާކުރެވި އެފާރަތްތަކުން ބޭނުންވާ ގޮތަށެވެ.

ޕްލޭނިންގް މިނިސްޓްރީން ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރެއްވީ 41.34 މިލިއަން ރުފިޔާއަށެއެވެ.