ޚަބަރު

ބަނދަރާއެކު ލަފާފުރުމުގެ ދަތިކަން ޙައްލުވެގެންދާނެ: މުލީ ކައުންސިލް


މުލީ ބަނދަރު ތަރައްގީވެގެން ދިޔުމާއެކު ލަފާ ފުރުމަށް ރައްޔިތުން އުފުލި ބުރައަށް ނިމުމެއް އައްނާނެ ކަމަށް މުލީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއެވެ.

އާބާދީގައި 1500އެއްހާ މީހުން ދިރިއުޅޭ މުލީއަކީ އެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް އެއަތޮޅު ގިނަ ބަޔަކު އެރަށަށް ޒިޔާރަތް ކުރާ ރަށެކެވެ. އެގޮތުން ސިއްހީ ފަރުވާއާއި، ބެންކިންގ ޚިދުމަތްފަދަ ކަންކަން ލިބިގަތުމަށް ކޮންމެ ދުވަހަކުހެން ރަށަށް ގިނަ ބަޔަކު އަރައި ފައިބައެވެ.

ރަށަށް އަރާ ފައިބަ މީހުންނާއި، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ލަފާ ފުރުމުގެ ދަތިކަމެވެ. މިކަމަށް ހައްލެއް ހޯދާދެއްވުމުގެ ގޮތުން ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ހަވާލުކުރައްވާފައިވަނީ 28 ނޮވެމްބަރު 2022 ގައެވެ.

ބަނދަރާ ގުޅޭގޮތުން މުލީ ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަނދަރު މީގެ ކުރިން އޮތީ އެއްކޮންހެން ހަލާކުވެފައި ކަމަށެއެވެ. އެހެންކަމުން ލަފާ ފުރުމުގައި ރައްޔިތުއްނަށް އެތައް ތަކުލީފެއް އުފުލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

" ބަނދަރުގެ ކުރީގެ ހާލަތަށް ބަލާއިރު ބަނދަރު އެއްކޮންހެން އޮތީ ހަލާކުވެފައި. ބޭރު ތޮށި ނެތޭ ބުންޏަސްވެސް ދޮގަކަށް ނުވާނެ. ރަށަކީ އެކި ބޭނުންތަކަށް ރަށުން ބޭރުން މީހުން އަންނަ ރަށެއް. ރަށުން ބޭރުން އަންނަ މީހުންވެސް ހަމަ މި ތަކުލީފު އުފުލާ" ޝަމްއޫން ވިދާޅުވިއެެވެ.

ޝަމްއޫން އިތުރަށް ވިދާޅުވީ ބަނދަރު ތަރައްގީވެގެން ދިޔުމާއެކު ޖާގައިގެ ގޮތުން ދިމާވެފައި އޮތް ދަތިކަމަށްވެސް ހައްލު ލިބިގެންދާނެކަމަށެވެ. އެގޮތުން ބަނދަރު ތަރައްގީ ކުރެވިގެން ދާއިރު ބޮޑެތި ބޯޓް ފަހަރު ގާތް ކުރުމަށް ޚާއްސަ ސަރަހައްދެއް ހެދިގެން ދާނެއެވެ.

މުލީ ބަނދަރުގެ މަޝްރޫޢުގެ ދަށުން، 33،888 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ބޭސިން ފުންކުރުމާއި، 6،254 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދި 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 479 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމުގެ އިތުރުން 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢޫގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މުލީ ބަނދަރުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވީ މ.މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 55 އިންސައްތަވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މިހާރު ބަނދަރު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢަށް 61.8 މިލިއަން ރުފިޔާ ޚަރަދުވެއެވެ.