ޚަބަރު

އާރްޓިއެލް ފެރީ: އަދަދުތަކުން ދައްކައިދެނީ ރައްޔިތުން ބަރޯސާވެވޭ ޚިދުމަތެއްކަން


ކަނޑުދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ރާއްޖެއަށް މުހިންމުވަނީ، ރާއްޖެ އުފެދިފައި އޮތް ގޮތާއި ޚިދުމަތްތަކަށް އެހެން ރަށްރަށަށް ބަރޯސާވާން ޖެހިފަހި އޮތް މިންވަރުންނެވެ. ސަރުކާރުން ގެންދަވަނީ މިޚިދުމަތް ފަސޭހައިން ތަކުލީފް ކުޑަކޮށް އަދި ކުޑަ ޚަރަދަކުން ރައްޔިތު މީހާއަށް ލިބޭނެގޮތް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވަމުންނެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" އާރްޓީއެލް ފެރީގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރެއްވީ 2021ވަނަ އަހަރުގެ ޖެނުއަރީގައެވެ. މިއީ މުޅިން ސުމަކުން ފެށި ބޮޑު، ބިޔަ މަޝްރޫޢެކެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގައި މުޅި ރާއްޖެ ގުޅާލާނެއެވެ.

މިހާތަނަށް 4 އަތޮޅުގައި ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާފައެވެ. އެއީ ޒޯން 1ގައި ހިމެނޭ ހއ، ހދ، ށ އަދި ޅ.އަތޮޅުގައިވެސް ސްޕީޑް ފެރީގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އެއީ ޖުމްލަ 46 ރަށެވެ.

އާރް.ޓީ.އެލް ފެރީ ޚިދުމަތް ފެށިގެން މިވީ އެއް އަހަރު ދުވަހަށް ބަލާއިރު، 260000އަށްވުރެ ގިނަ ރައްޔިތުން މިޚިދުމަތް ވަނީ ހޯދާފައެވެ. ވަކިވަކި އަތޮޅުތަކަށް ބަލާއިރު، ހއ. އަތޮޅުގައި 89,993 ރައްޔިތުން، ހދ. އަތޮޅުގައި 101,802 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން، އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުން މި ޚިދުމަތުން ދަތުރުކޮށްފައިވެއެވެ. ޖުމްލަ 262,327 ރައްޔިތުން އެކި ފަހަރު މަތިން ދަތުރުކޮށްފައިވެއެވެ.

ވޭތުވެދިޔަ އެއް އަހަރު ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރު ބާއްވާފައިވެއެވެ. އެއީ ޖުމްލަ 14,501 ޝެޑިއުލް ދަތުރެވެ.

އެމްޓީސީސީން ވިދާޅުވީ ވަކިން ޚާއްސަކޮށް މިދިޔަ ނޮވެމްބަރުން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތައް ބާއްވާފައިވާކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް ޚިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 514 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.

ހައި ސްޕީޑް ފެރީ ނިޒާމްގެ ޒަރީޢާއިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ދަނީ ތަރައްޤީ ލިބެމުންނެވެ.

އެގޮތުން، ލޯކަލް ޓޫރިޒަމާއި، ވިޔަފާރިއާއި، ކައިރި ރަށްރަށުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ތަޢުލީމު ހާސިލްކުރުމަށް ހުރި ފުރުޞަތުތަކަށްވެސް ލުއިފަސޭހަކަންވަނީ ލިބިގެންގޮސްފައެވެ. އަދި ސިއްޙީ އަދި އިދާރީ ޚިދުމަތްތައް ހޯދުމަށްވެސް ލުއިފަސޭހަވެއްޖެއެވެ.

ޓެކްނޮލޮޖީއާއި ރައްޓެހި މިޒަމާނުގައި، އާރް.ޓީ.އެލްގެ ޚިދުމަތް އެމްޓީސީސީން ފޯރުކޮށްދެމުންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އަތުގައި އޮންނަ ސްމަރޓް ފޯން ބޭނުންކޮށްގެން، ފެރީ ދަތުރުތަކުގެ ޝެޑިއުލްބެލުމާއި ޓިކެޓްނެގުމުގެ ޚިދުމަތް ލިބެއެވެ.

އާރްޓީއެލްގެ ޚިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކުގައި 19 ފެރީ ލޯންޗް އަންނަނީ ބޭނުންކުރަމުންނެވެ. 6 ޒޯންގެ ޚިދުމަތްތައް މުޅިން ފެށިގެންދާއިރު، މި ޚިދުމަތުގައި 82 ލޯންޗު ފެރީ ބޭނުންކުރާނެއެވެ. އަދި މި ޚިދުމަތް ދޭ ކޮންމެ ރަށެއްގައި ފެރީ ސްޓޮޕާއި ޓަރމިނަލްތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ޖުމްލަ 180 ފެރީ ސްޓޮޕް ހަދާނެއެވެ. މިފެރީ ސްޓޮޕްތަކަކީ ފެރީގެ ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން މަޑުކޮށްލައިގެން ތިބޭވޭ ގޮތަށް، އިތުރު ޚިދުމަތްތައްވެސް ހިމަނައިގެން ހަދާ ތަންތަނެވެ.

އާރްޓީއެލް ފެރީ ވެގެންދަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާ ޚިދުމަތަކަށެވެ. މުޅި ރާއްޖެ ގުޅުވާލަދޭނެ ޚިދުމަތަށެވެ.