ޚަބަރު

ބ.ހިތާދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި


ބ.ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ކުރިން އޮތް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާ އެކު ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ހިތާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ތެރޭގައި މިހާރު ކުރިއަށްދަނީ ބަނދަރަށް އިތުރު ކުރާ ބައިގައި ގައު އެތުރުމުގެ މަސައްކަތް ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއެވެ.

ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މީގެ ދިހަ މަސްކުރިންނެވެ. މަސައްކަތް އެކަށީގެން ވާ ހަލުވިމިނެއްގައި ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ހިތާދޫގައި ކުރިން އޮތް 700 ފޫޓް ދިގު 200 ފޫޓް ފުޅާ ބަނދަރު ފުޅާކޮށް 200 ފޫޓް އިތުރުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ފެށީ ބަނދަރުގެ އެއްގަމު ތޮށި ހަލާކުވެ އަރިއަޅާލާފައި އޮތުމުންނާއި، ބޭރު ތޮށި ނެތުމުގެ ސަބަބުން ހިތާދޫ ރައްޔިތުން ބަނދަރުގެ ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ. މީގެއިތުރުން ވާރޭވެހި ފެން ބޮޑުވާ ދުވަސްތަކުގައި ބަނދަރު ސަރަހައްދުގައި ފެން ހެދުމުގެ ސަބަބުން އެއްގަމު ތޮށި ކައިރިން ވެލި މޫދަށް ދެމުމުން އަރާފޭބުމަށް އެއްގަމު ތޮށީގައި ޖަހާފައި ހުރި ގައުތައް އަރިއަޅާލާފައި ހުރުމަކީވެސް ބަނދަރު މަރާމާތު ކުރަންޖެހުނު ސަބަބެކެވެ.

ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހާ، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ. މީގެ އިތުރުން 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މިމަސައްކަތުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މިހާރު ކުރަމުންދަނީ ބަނދަރަށް ފުޅާކޮށް އިތުރު ކުރާ 200 ފޫޓްގެ ސަރަހައްދުގައި ގައު އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ބަނދަރުގެ މަސައްކަތްތަކުގެ ތެރެއިން ކުދި އުޅަނދުތަކަށް ޚާއްސަކޮށްގެން ހަދާ 75 މީޓަރުގެ ޖެޓީގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.

"މީވެސް ބަނދަރުގެ ޖާގަ އިތުރުވެގެންދާނެ ކަމެއް، އެތައް ފަސޭހަތަކެއް މި ޖެޓީގެ ސަބަބުން ލިބިގެންދާނެ، އެއީ ބަނދަރުގެ އެއްގަމު ތޮށީގެ ބޭނުން ބޮޑެތި އުޅަނދުތަކަށް ކުރެވި ފެރީތަކާ މުދާ އުފުލާ ބޯޓުތައް މުދާއަރުވާ ބޭލުމަށް އެއްވެސް ދައްޗެއް ދެން ކުރިމައްޗެއް ނުވާނެ" ހިތާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުރިން ހަމައެކަނި އޮޑި ދޯނިފަހަރު އެޅުމަށް ބަނދަރުތައް ބޭނުން ކުރިނަމަވެސް މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރުތައް ފުރެނީ ކުދި ޑިންގީތަކުންނެވެ. އެހެން ކަމުން މިސަރުކާރުން ބަނދަރުތައް ޑިޒައިންކޮށް މަރާމާތުކޮށް ހަދާއިރު ބޭރު ތޮށީގައި އެއުޅަނދުތައް އެޅުމަށް ހާއްސަކޮށް ޖެޓީއެއް ހަދައެވެ. ބަނދަރުގެ ދިގުމިނަށް ޖެޓީ ހެދުމުން ރައްޔިތުންނަށްވެސް ފަސޭހަތައް އަންނަނީ ލިބެމުންނެވެ.

ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތަކީ 17.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.