ޚަބަރު

ރަށްރަށުގެ ވެއްޓަށް އަންނަ ބަދަލުތައް ދެނެގަނެ ރެކޯޑްކުރާނެ ނިޒާމެއް ބޭނުންވޭ: އަސްލަމް


ރަށް ގިރުމުގެ މައްސަލައިގައި ޙާލަތު ދެނެގަނެ ރަނގަޅުކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި މަޢުލޫމާތާއި، ޑާޓަ އެއްކުރެވޭނެ ނިޒާމެއް އެކުލަވާލަން ޖެހިފައިވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ފަހަކަށް އައިސް ރަށް ގިރުމުގެ މައްސަލަ އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަން ގުޅެނީ މޫސުމީ ބަދަލުތަކާއިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކުރިން ދިމާނުވާފަދަ ބޮޑެތި މޫސުމީ މައްސަލަތައް މިހާރު ކުރިމަތިވަމުންދާ ކަމަށެވެ. އަނެއް ސަބަބެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ، ރަށްރަށުގެ ގޮނޑުދޮށްތައް ކައިރީގައި ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކެވެ.

"ތަރައްޤީއާއެކު ބަނދަރު ތަރައްގީކުރުމާއި ބަނދަރު ކައިރީ ޢިމާރާތްކުރުމާ ގުޅޭ މަސައްކަތްތައް ގެންދިއުން ރަށްގިރަން މަގުފަހިވާކަމަކަށްވޭ. ލޭންޑް ޔޫސް ޕްލޭނަކީ ކުރަން ފެށި ވަރަށް މުހިންމު މަސައްކަތެއް" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރަށްގިރުމުގެ މައްސަލާގައި މިނިސްޓަރުގެ ޚިޔާލެއް ހުށައަޅުއްވައި، އެ މަސައްކަތް މަޖިލީހުގެ ތެރެއިން \ވެސް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ މަސައްކަތެއް ކުރަން ބަލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ އެކަށީގެންވާ މަޢުލޫމާތު ނެތުންކަމަށެވެ. މިއީ ޕްރޮޖެކްޓްތައް ޑިޒައިންކުރުމުގައި އިންޖިއަރުންނަށް ވެސް ދިމާވާ ދަތިކަމެއްކަމެށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރަށްރަށަށް ވަމުންދާ ގޮތް ދެނެގަނެ، ދާއިމީ ރެކޯޑް ބަލަހައްޓަން ޖެހޭކަމަށާއި، މިކަން ކުރެވޭނެ އެންމެ ފަސޭހަގޮތަކީ، ރަށްރަށުގެ ފަސްގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް، ޑްރޯން ފޮޓޯ ބޭނުންކޮށް، ޑޭޓާ އެއްކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

"އަޅުގަނޑު ކުރިންވެސް ބުނާ ގޮތަށް 2000 ޑޮލަރަށް ލިބޭނެ އެފަދަ ޑްރޯންއެއް. މީގަ ހުރޭ މިފަދަ މަޢުލޫމާތު ނެގޭނެ ފީޗަރތައް. އެއް ފޮޓޯ މައްޗަށް އަނެއް ފޮޓޯ ލީމަ އެނގޭނެ ރަށުގެ ޗާޓާށް އަންނަ ބަދަލު. މިއީ މަޢުލޫމާތު އެއްކުރެވޭނެ ފަސޭހަ ގޮތެއް." މިނިސްޓަރ ވިދަޅުވިއެވެ.

މިނިސްޓަރުގެ އެ ވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޗުއްޓީއަށް ފަހު މަޖިލީސް އެންބުރި އަންނައިރު، ބިލު ޑްރާފްޓްކުރައްވައި މަޖިލީހަށް ހުށައަޅަޅުއްވައި ދެއްވާނެކަމަށެވެ.

ރަށްގިރިމުގެ މައްސަލަ ކުރިމަތިވެގެން ކޮންމެ އަހަރަކު އެތައް ރަށަކުން ރިޕޯޓްކުރެއެވެ. އަދި މި މައްސަލަ ޙައްލުކޮށްދެއްވުމަށް، މިހާރުވެސް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.