ޚަބަރު

ކޯވިޑް ނަންބަރުތައް އިތުރުވެ މިދިޔަ ހަފްތާގައި އެކަނިވެސް 199 މީހުން


ރާއްޖޭގައި ކޯވިޑް 19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެ މިދިޔަ ހަފްތާގައި އެކަނިވެސް 199 މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް 199 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަޙައްދުންނެވެ. މި މުއްދަތުގައި މާލެ ސަރަޙައްދުން 137 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީހުން ދިރިއުޅޭ ރަށްތަކުން 17 މީހުންނާއި، އެހެނިހެން ތަންތަނުން 45 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭއިން ވިދާޅުވީ ހޮސޕްިޓަލުގައި އެޑްމިޓްކޮށްގެން މިހާރުވެސް 35 މީހަކަށް ފަރުވާދެއްވަމުން އަންނަކަމަށެވެ. އަލަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ވަނީ 186،241 އަށް އަރާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ރާއްޖޭގައި މިދުވަސްވަރު ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމުންދާވަރަކަށް އިތުރު ވޭރިއަންޓްތައް އައުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ފެތުރެމުންދަނީ ކޯވިޑްގެ ކޮން ވޭރިއެންޓެއްތޯ ދެނެގަތުމަށްޓަކައި ސާމްޕަލް ނަންގަވައި ޓެސްޓްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

"އެކަކު ގައިން އަނެކަކު ގަޔަށް ބަލި އެރުން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކޯވިޑަށް ޓެސްޓް. ކޯވިޑް ކަމަށްވަންޏާ ބަލި ފެތުރޭ މުއްދަތުގައި މީހުންނާއި ގާތްނުވުން މުހިންމު."ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބޭރުތެރޭގައި މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުން މަދުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ބޭރަށް ދިޔުމުގައި މާސްކު ބޭނުންކުރުމަށާއި، ބަލީގެ އެއްވެސް ޢަލާމާތެއް ފެންނަނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑްގެ ކޭސްތަކުގެ އިތުރަށް އަރިދަފުސް ރޯގާ އާއި އެހެނިހެން ޢާއްމު ބަލިތައްޖެހޭ މިންވަރުވެސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ޑެންގީޖެހޭ މީހުންގެ ޢަދަދު އިތުރުވެ، މިހާތަނަށް 70 އަށްވުރެ ގިނަ ޑެންގީ ކޭސްވެސް ރިޕޯޓްކޮށްފައިވާކަށް އެޗްޕީއޭއިން ވިދާޅުވެއެވެ.