ޚަބަރު

މަކުނުދޫ އެއަރޕޯޓުގެ ޑިޒައިނަށް ރައްޔިތުންގެ ޚިޔާލު ހޯއްދަވަނީ


ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި ތަރައްޤީކުރައްވަން ހަމަޖެހިފައިވާ އެއަރޕޯޓްގެ ކުރެހުންތަކަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، އެރަށު ކައުންސިލަށް ވަނީ ފޮނުއްވައިފިއެވެ. މަކުނުދުއަކީ، އެ އަތޮޅުގެ މީހުން ދިރިއުޅޭ އެހެން ރަށްތަކާ ވަރަށް ދުރުގައި އެކަހެރިކޮށް އޮންނަ ރަށެކެވެ. އެއަރޕޯޓް މަޝްރޫޢަކީ އެރަށުގެ ރައްޔިތުންގެ ޢުންމީދާ ގުޅިފައިވާ މަޝްރޫޢުއެކެވެ.

މަކުނުދޫ އެއަރޕޯޓަކީ ސަރުކާރުން މިހާރު ބީލަމަށް ހުޅުއްވައިލެއްވުމަށް ހުށައަޅުއްވާފައިވާ އެއް އެއަރޕޯޓެވެ. ހދ. އަތޮޅުގެ ހުޅަނގު ދެކުނު ބިތުގައި އޮތް މަކުނުދުއަކީ ރާއްޖޭގައި ދަތުރުފަތުރުގެ ދަތިކަން އެންމެ ބޮޑަށް އޮތް އެއް ރަށެވެ. ކައިރީގައި އިތުރު ރަށެއް ނެތުމާއި، އެ ރަށް އޮތް ހިސާބުގެ ސަބަބުން އެ ސަރަޙައްދަކީ އެހެން ރަށްރަށަށް ދަތުރުފަތުރުކުރުމަށް ވެސް ބޭނުންކުރާ ސަރަޙައްދެއް ނޫނެވެ. މިއާއެކު އެރަށުގެ ރައްޔިތުން އަބަދުވެސް އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދުމަތަކީ ރަށުން ދަތުރުކުރެވޭނެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ކަނޑު ދަތުރުފަތުރުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. ނަމަވެސް ކަނޑުދަތުރާ އެއްގޮތަށް ވައިގެ ދަތުރުގެ ދަތިކަން އިންތިހާއަށް އެބައޮތެވެ. ފްލައިޓް ޓިކެޓަށް ކުރާ ހޭދައިގެ ދެގުނަ، މަކުނުދޫން އެއަރޕޯޓް އޮންނަ އެހެން ރަށަކަށް ދާން ކުރަންޖެހެއެވެ.

ސަރުކާރުގެ ވަޢުދަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއްމެ ދުރުވެގެން 20-30މިނެޓް ދަތުރެއްކޮށްފައި ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރެއްވުމެވެ. ކައިރީގައި މީހުން ދިރިއުޅޭ ރަށްތައް ނެތުމުން، މި ޕްލޭނާ އެއްގޮތަށް މަސައްކަތް ނުގެންދެވޭނެ ހަމައެކަނި ސަރަޙައްދަކީ މަކުނުދޫ ހިމެނޭ ސަރަޙައްދެވެ. އެހެންކަމުން ސަރުކާރުން އިޢުލާންކުރެއްވީ އެރަށުގައި ވަކިން އެއަރޕޯޓެއް ތަރައްޤީކުރުމަށެވެ.

މި މަޝްރޫއުގެ ޕްލޭން އެކުލަވައިލައްވައި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިހާރު ވަނީ މަކުނުދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލަށް އެއަރޕޯޓުގެ ޑިޒައިން ފޮނުއްވާފައެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އަޢުޡަމް އާދަމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މަސައްކަތުގެ ކުރެހުންތައް މިނިސްޓްރީން ކައުންސިލަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި މި ކުރެހުންތައް ކައުންސިލުން ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށް އަޢުޡަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ހުށައަޅާފައިވާ ކުރެހުންތައް ވަރަށް އަވަހަށް މިނިސްޓްރީއަށް ފޮނުއްވާނެކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 1800 މީހުން ދިރިއުޅޭ މަކުނުދޫގައި އެއަރޕޯޓް އަޅަނީ ރަށުގެ ދެކުނުފަރާތުން ބިން ހިއްކައިގެންނެވެ. ޕްލޭނިން މިނިސްޓްރީން މަކުނޫ ކައުންސިލާ ޙިއްޞާކުރެއްވި ކުރެހުންތަކަށް ބަލާއިރު އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް ނިންމަވާފައިވެއެވެ.

"މުޅި އެއަރޕޯޓްވެސް ހިއްކައިގެން ކުރިއަށްގެންދާ ގޮތަށް ކޮންސެޕްޓް އޮތީ. ދަތުރުފަތުރު މިރަށަށް ވަރަށް ދަތި. ޖާގަ ނުލިބުމާއި، ކުރާ ބޮޑު ޚަރަދާއި، އަދި ހުޅަނގުގައި ހަފްތާ ދެހަފްތާ ވާއިރު ނުފުރި ރަށު ބަންދުގައި ވެސް ތިބެންޖެހޭ." ކައުންސިލް ރައީސް އަޢުޡަމް ވިދާޅުވިއެވެ.

މަކުނުދޫ އޮންނަ ފަޅަކީ 10،000 ހެކްޓަރުގެ ބޮޑު ފަޅެކެވެ. ކައުންސިލްގެ ރައީސް އަޢުޡަމް ވިދާޅުވީ އެއަރޕޯޓާއެކު ރަށުގެ އިޤްތިޞާދީ ޙާލަތު ވަރަށް ރަނގަޅުވާނެ ކަމަށެވެ. އެގޮތުން މަކުނުދޫ ހިމެނޭ ފަޅުގައި އޮންނަ ދިއްޕަރުފުށި ކިޔާ ފަޅުރަށުގައި، ތަރައްޤީކުރަމުންދާ ރިސޯޓްގެ ޚިދުމަތް ވެސް މިއަހަރު އޮކްޓޯބަރުގައި ފެށޭނެކަމަށް އަޢުޡަމް ވިދާޅުވިއެވެ.

އެއަރޕޯޓާއެކު އެ ސަރަޙައްދުގައި ލޯކަލް ޓުއަރިޒަމް ވަރަށް ބޮޑަށް ފުޅާކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިވަގުތު މަކުނުދޫގައި ދެ ގެސްޓްހައުސް ހިންގަމުން އަންނައިރު، އިތުރު މީހުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަމުން އަންނަކަން ރަށު ކައުންސިލުން ފާހަގަކުރައްވައެވެ.