ޚަބަރު

"ސިފްކޯ ހިޔާ" ގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިންމަވައި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން


ހުޅުމާލޭގައި ތަރައްޤީކުރާ "ސިފްކޯ ހިޔާ"ގެ މަސައްކަތްތައް 3 މަސްދުވަހުގެ ތެރޭގައި ނިންމަވައި، އެތަނުގައި ސިފައިންގެ ޢާއިލާތަކަށް ދިރިއުޅެން ފެށޭނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ. "ސިފްކޯ ހިޔާ" ގެ 330 ފުލެޓް ޢިމާރާތުގެ ޢަމަލީ މަސައްކަތް ދިގު މުއްދަތަކަށް ހުއްޓިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު އެ މަޝްރޫޢުގެ މަސައްކަތް އަލުން ވަނީ ފަށްޓަވައިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 131 ވަނަ ސިފައިންގެ ދުވަހާ ގުޅުވައިގެން ޕީ.އެސް.އެމްގެ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވީ، ސިފައިންނަކީ އަމިއްލަ ނަފްސާއި ޢާއިލާއަށްވުރެ ޤައުމީ ވާޖިބަށް އިސްކަންދީގެން މަސައްކަތްކުރަން ތިބި ބައެއްކަމުން، ސިފައިންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމާށެވެ.

ސިފައިންގެ މެދުގައިވެސް އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި އޮތް އެއްކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި، ޢަބްދުއްރަހީމް ޢަބްދުއްލަޠީފް ވިދާޅުވީ، މަސައްކަތް ފެށްޓެވިފަހުން މިހާރު ގާތްގަނޑަކަށް 10 އަހަރުވެފައިވާ "ސިފްކޯ ހިޔާ" ފްލެޓްތަކުގެ މަޝްރޫޢު ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމަވައި އެތަނުގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށެވެ. އަދި މިއާއެކު ސިފައިންގެ ޢާއިލާތަކުގެ މެދުގައި އޮތް ޒަމާންވީ ކަންބޮޑުވުމަށް ބޮޑު ލުޔެއް ލިބޭނެކަންވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ފާހަގަކުރެއްވިއެވެ.

"މީގެ ގާތްގަނޑަކަށް 4، 5 އަހަރެއް ކުރިއާ ހިސާބަށް ބަލާއިރުގައި އެ ފްލެޓްތައް އެ ޓަވަރުތައް، 3 ޓަވަރު ހުރީ ހަމައެކަނި ކޮންކްރީޓް ސްޓްރަކްޗަރއެއް، ކޮންމެވެސް ވަރެއްގެ ފިނިޝިންގ މަސައްކަތްތަކެއްގެ ހިސާބުގައި ހުރީ. އެހެންނަމަވެސް މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށްއޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި އެ ފްލެޓްތައް ނިމި އެތަނަށް ސިފައިންނަށް ވަދެވޭނެކަމަށް. މިއީ ސިފައިންގެ ޢާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް. އަޅުގަނޑު ޤަބޫލުކުރަން ވެލްފެއަރގެ ކަމަކަށް އެންމެ ބޮޑަށް ސިފައިންނަށް ބޭނުންވެފައި އޮތް އެއް ކަންތަކަށް މި ސަރުކާރުން އެ ހައްލު ގެނެސްދެއްވަނީ" ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

"ސިފްކޯ ހިޔާ" ގެ ފްލެޓްތައް ޑިޒައިން ކުރައްވައިފައިވަނީ ސޯޝަލް ހައުސިންގ ޔުނިޓްތަކަށްވުރެ ފެންވަރު މަތިކޮށް، ލަގްޒަރީ ފެންވަރުގެ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެއްގެ ގޮތުގައެވެ. މި ފްލެޓްތަކުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި މި ޔުނިޓްތަކުގެ މަސައްކަތް ނިމޭއިރު ހުންނާނެގޮތުގެ "މޮކަޕް ރޫމެއް" މިދިޔަ އަހަރުގެ ތެރޭގައި ފްލެޓްތައް ލިބޭ ފަރާތްތަކަށް ދައްކާލާފައިވެއެވެ.

މި ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ފަށްޓަވައިފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ މަޝްރޫޢުގެ އޭރުގެ ކޮންޓްރެކްޓަރ ނޫމަޑި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ކުރީ ސަރުކާރުން ބާޠިލުކުރެއްވުމާ ގުޅިގެންނެވެ. އެ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މި ސަރުކާރުން ވަނީ އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވީ، ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ސިފައިންގެ ވެލްފެއަރގެ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

ވަކިން ޚާއްޞަކޮށް ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ސިފައިންނާއި، ސިފައިންގެ ޢާއިލާތަކަށާއި، ސިފައިންގެއިން ރިޓަޔަރކުރައްވައިފައިވާ ބޭފުޅުންނަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ. އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކާއި، ޗުއްޓީ ކަންކަމުގައި މުހިއްމު ލުއިތަކެއް ދެވިފައިވާކަންވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ފާހަގަކުރެއްވިއެވެ.