ޚަބަރު

ކޮނޑޭ ސްކޫލްގެ 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި


ކޮނޑޭ ސްކޫލްގެ 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ވޯލްސީ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލްކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އަދި ވޯލްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަފާފް ސައީދުއެވެ.

ކޮނޑޭ ސްކޫލުގައި އަލަށް އިމާރާތްކުރާ 4 ކްލާސްރޫމު އިމާރާތަކީ 2022 ވަނަ އަހަރު ޕީ.އެސް.އައި.ޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް 4.78 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ވޯލްސީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް ތަޢުލީމު ފޯރުކޮށްދިނުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ. މިހާރުވެސް އަލަށް ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް ބޭނުންވާ ޢިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަޞީލަތްތަކާއެކު ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މުހިއްމު ސިޔާސަތެކެވެ. އެގޮތުން ރަށްރަށުގައި ހުރި ޒަމާންވީ ސްކޫލް ޢިމާރާތްތައް އައުކުރުމާއި އިތުރަށް ބޭނުންވާ ޖާގަ ހަމަޖެއްސުމަކީ މީގެދަށުން ކުރާ މުހިއްމު މަސައްކަތެކެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ޚާއްސަ ކުރެވޭ އެއް ދާއިރާއަކީވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއެވެ.