ޚަބަރު

ޑައިލިސިސްގެ ޚިދުމަތް ފުޅާކޮށް ހުޅުމާލޭ ހޮސްޕިޓަލުން 24 ގަޑިއިރުގެ ޚިދުމަތް


ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ރާއްޖޭގައި ނިސްބަތުން އިތުރުވުމުގެ ކަންބޮޑުވުމާއެކު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއްކަމަކީ މާލެއާއި އަތޮޅުތަކުގައި ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމެވެ. މިގޮތުން ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އެންމެ މުހިއްމު އެއް ޚިދުމަތަކީ ޑަޔަލިސިސްގެ ފަރުވާއެވެ. މި ޚިދުމަތް ފުޅާވަމުން އަންނަ އެއް ހޮސްޕިޓަލަކީ ހުޅުމާލޭ ހޮސްޕިޓަލެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ކިޑްނީ ބަލީގެ އެއްފަރުވާ ކަމުގައިވާ ޑައިލިސިސްގެ ޚިދުމަތް ދޭންފެށީ 2012 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިވީ މުއްދަތުގައި ޚިދުމަތަށް އެކި ބަދަލުތައް ގެނެސް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިވީ 11 އަހަރުގެ ތެރޭގައި ހޮސްޕިޓަލުގައި ރަޖިސްޓަރވެގެން 189 މީހަކު ޚިދުމަތް ހޯދާފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މިވަގުތު 54 މީހަކަށް ފަރުވާދެމުންދާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ، ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެކުރިން ވަކި ގަޑިތަކެއްގައި ދެމުން އައި މި ޚިދުމަތް 24 ގަޑިއިރަށް މިހާރު ބަދަލުކޮށްފައިވާކަމަށް މަޢުރޫފް ވިދާޅުވީއެވެ.

"ޑައިލިސިސްގެ ޚިދުމަތަކީ ވަރަށް ޑިމާންޑު އިތުރުވަމުންދާ ދާއިރާއެއް. އަޅުގަނޑުމެން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން މިދާއިރާ ފުޅާކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުން. މި ވޭތުވެދިޔަތާ ކުރެވުނު މަސައްކަތުން ވޯޑު އިތުރަށް ފުޅާކޮށް މިހާރު ހުރިހާ ވަގުތެއްގައިވެސް ޚިދުމަތް ދެވޭގޮތަށްވަނީ ހަދާފައި" މަޢުރޫފް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގައި މިވަގުތު 10 އެނދުގައި ޑައިލިސިސްގެ ޚިދުމަތް އަންނަނީ ދެމުންނެވެ. މީގެތެރެއިން އެއް އެނދަކީ ކުއްލި އެމަރޖެންސީތަކަށް ޚާއްޞަ އެނދެއްކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. 24 ގަޑިއިރު ޚިދުމަތް ދެމުންދާއިރު ކޮންމެ ދުވަހަކުވެސް 4 ސެޝަނެއްގައި ޑައިލިސިސްގެ ޚިދުމަތްދެއެވެ. މިއިން ކޮންމެ ސެޝަނެއްގައިވެސް 8 ނުވަތަ 9 ޕޭޝަންޓުން ކޮންމެ ވަގުތަކުވެސް ޚިދުމަތް ހޯދާކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.