ޚަބަރު

އަލިފުށީ މަގުތަކުގައި ތާރުއެޅުން އާރްޑީސީއަށް


ރ. އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ޙަވާލުކުރައްވައިފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކެވެ.

މި މަސައްކަތުގެ ދަށުން އަލިފުށީގެ 8.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް، މަގުތަކުގައި މަގުބައްތިޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް ޢިމްރާން ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އެއަރޕޯޓަށް ދާން އޮންނަ މަގާއެކު ޖުމްލަ 7 މަގެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށުގެ އެންމެ ބޮޑެތި މަގުތަކާއި، ސްކޫލް މަގުވެސް ތާރުއަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ޢިމްރާން ވިދާޅުވިއެވެ.

90 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކުރައްވައިފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަލިފުށީގައި ސަރުކާރުން އަންނަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އަލިފުށީގައި އެއަރޕޯޓް ހެދުމުގެ މަޝްރޫޢުއާއެކު 16 މަޝްރޫއެއް ކުރިއަށްގެންދިއުމަށް ނިންމާފައިވެއެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.

2000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އަލިފުށްޓަކީ ރާއްޖޭގައި ކިއްސަރު ވަޑާމަށް މަޝްހޫރު ރަށެކެވެ. ޚާއްޞަކޮށް، ބޯޓުފަހަރު ބަނުމަކީ މި ރަށުގެ ޚާއްޞަ މަސައްކަތެކެވެ.