ޚަބަރު

ގެސްޓްހައުސް ހަދަން ފަރެސްމާތޮޑާ އެއަރޕޯޓު ސަރަހައްދުން 18 ބިމެއް ދޫކުރަނީ


ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ހަދަން ބިން ކުއްޔަށް ދޫކުރުމަށް ނިންމާ ބިމަށް އެދުމުގެ ފުރުޞަތު ރީނަޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހުޅުވާލައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ހިންގާ ރީޖަނަލް އެއަރޕޯޓުން ވަނީ ގެސްޓްހައުސް ހެދުމަށްޓަކައި އެ ސަރަޙައްދުން 18 ބިމެއް ދޫކުރުމަށް ނިންމާފައެވެ.

ރީޖަނަލް އެއާޕޯޓްސް އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ރަށުގެ އެއަރޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖެހުމުގެ ކުރިން އެ ކުންފުނީގެ ޓެންޑާ މެއިލްއަށް ހުށަހެޅުމަށް ހުޅުވާލާފައެވެ. ޓެންޑާއާ ގުޅޭ ތަފުސީލުތައް ހިމެނޭ ލިޔެކިޔުންތައް، އެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ހަދާފައިވަނީ އެރަށު ފަޅުން ކުދި ރަށްތަކެއް ހިއްކުމަށްފަހުގައެވެ. އެހެންކަމުން އެއަރޕޯޓް އޮންނަނީ މީހުން އުޅޭ ސަރަޙައްދާ ކޮންމެވެސް ވަރަކަށް ދުރުގައެވެ. އެއަރޕޯޓް ހިމެނޭ ސަރަޙައްދުގައި ގެސްޓްހައުސްތައް އަޅައިިފިނަމަ ރިސޯޓްތަކުން އަންނަ ފަތުރުވެރިން މަޑުކޮށްލުމަށާއި އެހެނިހެން ބޭނުންތަކުގައި އަންނަ މީހުންނަށްވެސް ތިބުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މިއާއެކު އެރަށުގެ އިޤްތިޞާދުވެސް ފުޅާވެގެންދާނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވައި ރަސްމީކޮށް ދަތުރުތައް ފެށީ މިދިޔަ މަހުއެވެ. މިއީ ހުވަދު އަތޮޅުގައި ތަރައްގީކޮށް ހުޅުވި ހަތަރު ވަނަ އެއަރޕޯޓެވެ. ދިގުމިނުގައި 1،200 މީޓަރުގެ ރަންވޭ އަކާއި ހިތްގައިމު ޓާމިނަލަކާއެކު ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީކުރަން ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ހޭދަވިއެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.