މާލޭގައި ހުންނަ އަލިރަސްގެފާނު ޒިޔާރަތުގެ، އާބާތުރަ ފިލުވައި ބެލެހެއްޓުމަށް، ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީއާ ޙަވާލުކޮށްފިއެވެ.
އެމް.ޑަބްލިއު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އަލިރަސްގެފާނުގެ ޒިޔާރަތުގެ، އާބާތުރަ ފިލުވާ ބެލެހެއްޓުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒުގެ އިސްވެރިޔާ، އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.
އަލިރަސްގެފާނު ޒިޔާރާތް އާބާތުރަ ފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޒިޔާރަތުގެ ފާރުތަކާއި، ދޮރޯޑީގައި ކުލަލުމާއި ދަވާދުލުމާއި، ދިދަގަނޑި މަރާމާތުކޮށް، ސަރވައިލެންސް ކެމެރާ ހަރުކޮށް، މިއެއްބަސްވުމުގެ ދަށުން އެތަން ޒީނަތްތެރިކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ އެއްއަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއީ ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޚާއްޞަ ލަފައާއި އިރުޝާދާއެކު ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެއްކަމަށާއި، މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިފަދަ ބިނާތައް ބެލެހެއްޓުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭވަފރުގެ ކަމެއް ނޫންކަމަށެވެ. އެއީ ހުރިހާ ފަރާތެއްގެ ޒިންމާއެއްކަމުގައި ދެކިގެން މިތަންތަން ބެލެހެއްޓުމުގެ އާދަ އާލާކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިއީ ރާއްޖޭގެ ތާރީޚާ ގުޅުންހުރި މުހިއްމު ތަންތަން. މިފަދަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ހުރިހާ އެންމެންގެވެސް ޒިންމާއެއް. މިތަންތަން ރައްކާތެރިކޮށް މިތަންތަނުގެ މަޢުލޫމާތު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް މުހިއްމުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތާރީޚީ ގޮތުންނާއި ޘަޤާފީގޮތުން މުހިއްމު ބިނާތައް ހުރިއިރު އެތަންތަން ރަނގަޅަށް ނުބެލެހެއްޓި ހަލާކުވެގެންދިޔުމަކީ ކަންބޮޑުވާކަމެކެވެ. އެހެންކަމުން ސަރުކާރުން ކުންފުނިތަކުގެ އެހީގައި މިފަދަ ތަންތަން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ޚާއްޞަ އިސްކަމެއް ދެއްވައެވެ.
މާލޭ ހުކުރު މިސްކިތާއި، މުންނާރާއި ވަޅުގެ އާބާތުރަ ފިލުވުމާއި ބެލެހެއްޓުންވަނީ ސްޓެލްކޯއާ ޙަވާލުކޮށްފައެވެ. އެކުންފުނީގެ ފަރާތުން މިތަންތަން ވަކި އިންތިޒާމެއްގެ ތެރެއިން ބަލަހައްޓަމުން ގެންދެއެވެ.