ޚަބަރު

މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރަން ބަޔަކާ ޙަވާލުކޮށްފި


ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރަން ބަޔަކާ ޙަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކުރީ ޑީ.އެން.އެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. ޑީ.އެން.އެފް އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަކީބު އަޙްމަދެވެ.

މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތައި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ކުރުން މި މަޝްރޫޢުގައި ނހިމެނޭކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ޑީ.އެން.އެފް އިންޖިނިއަރިންގއާ ޙަވާލުކޮށްފައިވަނީ 150 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމާއި، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ތަންތަނުގެ ޖާގައިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، އައު ހޮސްޕިޓަލުތައް ޢިމާރާތްކުރުމާއި، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.