ޚަބަރު

ހުޅުމާލޭގައި ހޮސްޕިޓަލުން ކެންސަރަށް ފަރުވާހޯދާ 1200 އަށްވުރެ ގިނަ މީހުން


ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރެއިންވެސް އެންމެ ބޮޑު އިންސައްތައެއްގެ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. ކެންސަރު ބައްޔާމެދު ހޭލުންތެރިކުރުވައި، މިބަލީގެ ފަރުވާގެ ނިޒާމު ރާއްޖޭގައި ވަރުގަދަކޮށް ބަލި ފެތުރެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކަމާގުޅޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ކެންސަރުގެ ފަރުވާ އަދި އެންމެ އެދެވޭގޮތުގައި ފުޅާވެގެން ގޮސްފައި ނުވިނަމަވެސް، މަޑުމަޑުން މިދާއިރާ އަންނަނީ ކުރިއަރަމުންނެވެ. ކެންސަރަށް ދެވޭ ފަރުވާ ރާއްޖޭގައި އެންމެ ފުޅާކޮށް ދެވޭ އެއް ހޮސްޕިޓަލަކީ ހުޅުމާލޭ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ ގުޅިގެންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންދާ، ކެންސަރުގެ ފަރުވާ ހަރުދަނާކުރުމަށް އެ ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން ކަނޑައަޅާފައިވާ ވަކި ޚާއްޞަ ތާވަލެއްގެ ދަށުން ވިޒިޓިންގ ޑޮކްޓަރސް މިކޮޅަށް ވިޒިޓް އެބަކުރޭ. ރޯދަމަހުވެސް މެދުކެނޑުމެއް ނެތި އެބޭފުޅުންގެ ޝެޑިއުލާއި އެއްގޮތަށް ވިޒިޓްކުރޭ. މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް. ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ" މަޢުރޫފް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޖުމްލަ 1247 ކެންސަރ ޕޭޝަންޓުން ރަޖިސްޓަރކޮށް ފަރުވާ ދެމުންދާކަން އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިހާތަނަށް ޖުމްލަ 425 ޕޭޝަންޓުން ކީމޯ ތެރަޕީއަށް ރަޖިސްޓަރކޮށްފައިވާއިރު، 60 ޕޭޝަންޓުންނަށް މި ވަގުތުވެސް ޚިދުމަތްދެމުންދާކަން ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކުވެސް 3 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މީހުންނަށް ކީމޯތެރަޕީ ސެޝަން ނަގަމުންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެއީ ހޮސްޕިޓަލުގައި މިވަގުތު ހުރި ކީމޯ ތެރަޕީގެ 5 އެނދުގެ ޖާގައިން ޚިދުމަތް ދެވޭ ނިސްބަތްކަން ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އައި.ޖީ.އެމް.އެޗްގައިވެސް ކެންސަރަށް އެކި ފަރުވާދެއެވެ. އަދި އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލުތަކުން ވެސް ކީމޯ ތެރަޕީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. ރާއްޖޭގައި ކެންސަރަށް ފަރުވާހޯދާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރުގެ ނިޔަލަށް އާސަންދަ މެދުވެރިކޮށް ކެންސަރަށް ފަރުވާ ހޯދުމަށް 116 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.