ޚަބަރު

ވ. ތިނަދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއަށް


ވ. ތިނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ.

ތިނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 360 ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢު 43.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 12800 ކިއުބިކް މީޓަރ ފުންކުރުން، 860 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން، 71 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 6 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި 482 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 354 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 249 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 59 މޫރިންގ ރިންގް ހަރުކުރުންވެސް ހިމެނެއެވެ.

ހަމައެހެންމެ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 90 އަކަ މީޓަރުގެ ރޭންޕެއް ހެދުމުގެ އިތުރުން 18 މަގުބައްތި ހަރުކޮށް 1847 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ.