ޚަބަރު

ހަނިމާދޫ ބަނދަރު ތަރައްޤީކޮށް ނިމިއްޖެ، ދުވަސްވީ ތަކުލީފުތަކަށް ނިމުމެއް


ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމާލައިފިއެވެ.

2300 މީހުން ދިރިއުޅެމުން އަންނަ ހަނިމާދޫއަކީ އުތުރުގެ އިޤްތިޞާދުގައި މުހިއްމު ރަށެކެވެ. އުތުރުގެ މައި އެއަރޕޯޓު ހަނިމާދޫގައި އޮތުމާއެކު އެއަރޕޯޓަށް އަންނަ ދިވެހިންނާއި ޓޫރިސްޓުން ހަނިމާދޫ ބަނދަރުގެ ބޭނުން ކުރާ ނިސްބަތްވަނީ އިތުރުވެފައެވެ. ހަމައެއާއެކު ދެރަށަކުން ހަނިމާދޫއަށް މީހުން ބަދަލުކުރުމާއެކު ހަނިމާދޫވެފައިވަނީ އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެފައިވާ ރަށެއްގެ ގޮތުގައެވެ. އެހެންކަމުން އެތައް ބަޔަކު ބޭނުންކުރަމުން އައި ބަނދަރު ޒަމާނާ އެއްގޮތަށް ތަރައްޤީވުމަކީ ހަނިމާދޫގެ ރައްޔިތުންނާއި، އެރަށަށް ޒިޔާރަތްކުރާ މީހުންގެވެސް އުއްމީދެކެވެ. މިކަމަށް އިޖާބަދީ އެރަށުގައި އޮތް ދުވަސްވީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މިއާއެކު އެރަށުގައި ކުރިން އޮތް ބަނދަރު މަރާމާތުކޮށް މިހާރު ވަނީ 1200 ފޫޓުގެ އައު އަދި ޒަމާނީ ބަނދަރެއް ތަރައްޤީކޮށް ނިންމާލާފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫގެ ކައުންސިލް މެންބަރު ފިރާޤް މުޙައްމަދު ވިދާޅުވީ ލަފާ ފުރުމަށް ރައްޔިތުން އެތައް ތަކުލީފެއް މީގެ ކުރިން އުފުލިނަމަވެސް، އައު ބަނދަރާއެކު ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް، ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހަނިމާދޫ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެކަމަށެއެވެ.

"މީގެ ކުރިން އާންމު ރައްޔިތުންގެ އޮޑިދޯނި ފަހަރު އަޅާފައި ބާކީއެއް ނޯވޭ ރަށުން ބޭރުން އަންނަ ލޯންޗް ބާއްވާލާނެ ތަންކޮޅެއް އިތުރަކަށް. ދެން ވަރަށް ފުލްކޮށް ވަރަށް ދަތިހާލުގައި އެދިޔައީ. ތެޔޮއަޅަން ރަށުން ބޭރުން އައްނަނީ ތެޔޮހަބެއް ނެތި. ތެޔޮއަޅަން އެއާރޕޯޓައް އަންނަ ހުރިހާ ލޯންޗެއްހެން އަންނަނީ ހަނިމާދޫއައް ތެޔޮއަޅަން. ނަމަވެސް ކުރިން ޖާގައެއް ނޯވޭ ބަނދަރުގައެއް " ފިރާޤް ވިދާޅުވިއެވެ.

ފިރާޤް ވިދާޅުވީ ކުރިން އުފުލި ތަކްލީފުތަކަށް ނިމުމެއް މިހާރު އައިސްފައިވާކަމަށާއި، މުސްތަގްބަލުގައި ރަށައް އިޤްތިޞާދީގޮތުންނާއި، އެހެނިހެން ގޮތުންވެސް ރަށަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އަދި ހަނިމާދޫއަކީ އުތުރުގެ އިޤްތިޞާދުގައި މުހިއްމު ރަށެއްކަމަށާއި، އުތުރުގެ މައި އެއަރޕޯޓު ހަނިމާދޫގައި އޮތުމާއެކު އެއަރޕޯޓަށް އަންނަ ދިވެހިންނާއި ޓޫރިސްޓުން ހަނިމާދޫ ބަނދަރުގެ ބޭނުން ކުރާ މީހުންނަށްވެސް މިހާރު ވަރަށް ބޮޑަށް ފަސޭހަވެފައިވާކަން ފިރާޤް ފާހަގަކުރެއްވިއެވެ.

ހަނިމާދޫއަކީ ލޯކަލް ޓޫރިޒަމްވެސް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ރަށުގައި ރަޖިސްޓަރީކޮށްގެން ހިންގާ 5 ގެ ސްޓްހައުސްއެއް މިހާރުވެސް އެބަހުއްޓެވެ.

މި ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު 150އަށް އަރާކަމަށް ކައުންސިލުން ވިދާޅުވިއެވެ. ގެސްޓްހައުސް ވިޔަފާރިއާއިއެކު އެ ރަށުގައި ޑައިވިންގ ދޯނިފަހަރު، ލޯންޗް އަދި ޑިންގީތައްވެސް ވަނީ އިތުރުވެފައިކަމަށް ކައުންސިލުން ވިދާޅުވިއެވެ.


ދައުލަތުގެ ބަޖެޓުން 65.15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަނިމާދޫގައި ތަރައްޤީކުރި ބަނދަރާއެކު އެސަރަޙައްދުގައި ފެންދެމޭގޮތަށް ބްރިޖެއްވެސް އެމްޓީސީސީއިންވަނީ ހަދާފައެވެ.