ޚަބަރު

ހައިވޭގައި ޤާއިމުކުރާ ސޯލާ ހަކަތައިގެ މަސައްކަތް މިއަހަރު މެދުތެރޭ ނިމޭނެ


ސިނަމާލޭ ބްރިޖް އަދި ހައިވޭ މަތީގައި ޤާއިމުކުރަމުންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ވިދާޅުވެއްޖެއެވެ.

އެއް ސަރަޙައްދެއްގައި އެންމެ ބިޔަ އިޔާދަކުރަނިވި ހަކަތަ ޤާއިމުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދަނީ ހުޅުމާލޭގެ އިތުރުން، މާލެއާއި ހުޅުމާލެ ގުޅުވާލަދޭ ބްރިޖާއި ހައިވޭ މަތީގައެވެ. އެސްޕަޔަރ މަޝްރޫޢުގެ ދަށުން ހުޅުމާލެއާއި ބްރިޖް ހިމެނޭ ސަރަޙައްދުގައި ޖުމްލަ 5.6 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޢަލީ މާޖިދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ހައުސިންގ ޔުނިޓުތަކުގައި 600 ކިލޯވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކޮށް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އަނެއް ބަޔަކީ ހައިވޭ މަތީގައި ޤާއިމުކުރާ ސޯލާ ޕީވީގެ މަސައްކަތްކަމަށާއި، މިހާރު ދާ ސްޕީޑުގައި މަސައްކަތް ކުރިއަށްދާނަމަ މިއަހަރުގެ މެދެއްހާ ހިސާބުގައި މި މަސައްކަތް އެއްކޮށް ނިމޭނެކަމަށް ޑެޕިއުޓީ މިނިސްޓަރ މާޖިދު ވިދާޅުވިއެވެ.

"ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތް ބްރިޖާއި ހުޅުމާލޭގެ އެތެރޭގެ ވަކި ހިސާބަކަށް ދާނެ. ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައި. މިއަހަރުގެ މެދުތެރޭގައި މި މަސައްކަތް އެއްކޮށް ނިމޭނެކަމަށް މިބަލަނީ" ޑެޕިއުޓީ މިނިސްޓަރ މާޖިދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހުޅުމާލޭ ހައުސިންގ ޔުނިޓުތަކުގައި 1.5 މެގަވޮޓްގެ ސޯލާ ޕީވީވަނީ ޤާއިމުކޮށްފައެވެ. އަލަށް ޤާއިމުކުރާ 5.6 މެގަވޮޓްގެ ސޯލާ ޕީވީއާއެކު ދައުލަތުގެ ޚަރަދުގެ ތެރެއިން ބޮޑު ބައެއް ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަލަށް ޤާއިމުކުރާ ސޯލާ ޕީވީ ނިޒާމާއެކު އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓު އުފެއްދުމަށް ދައުލަތުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިނިއަނެއްހާ ރުފިޔާ ކުޑަކުރެވޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

ރާއްޖެއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ހަކަތަ އުފެއްދުމަށް އެންމެ އަގު ބޮޑު ވަޞީލަތް ބޭނުންކުރާ އެއް ޤައުމެވެ. ހަކަތަ އުފެއްދުމަށް ދައުލަތުން އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.

އިޔާދަކުރަނިވި ވަޞީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތުން ހަކަތައިން ރައްޔިތުންނަށް ސަބްސިޑީ ދިނުމަށް މިހާރު ކުރަމުންދާ ޚަރަދު ކުޑަކޮށް އެފައިސާ ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޭދަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ހަކަތައިގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.